އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުގައި ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނިންމަވައިފިއެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް އިނާމް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަޢުލަތަށް ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަން ކުރަންޖެހޭކަމަށެވެ. އަދި އެފަދަ މީހުންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ހިތްހަމަޖެހޭގޮތް ހޯދައިދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު އުމުރުން ދުވަސްވެފައިތިބި މީހުން އެއްތަނަކުން ބައްދަލުވެ އުފާވެރިކަމާއެކު ވަގުތު ހޭދަކޮށް އުޅެވޭފަދަ މާހައުލެއް ޤާއިމްކޮށްދިނުމަކީ މުހިއްމުކަމެއްކަމަށާއި އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި ފުރަތަމަ މި މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވަނީ މާލޭގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މީގެ ތެރެއިން ބާއެއް ބޭފުޅުން ހަނދުމަފުޅު ހުންނަވާނެ ނާދީތަމައްދުންގެ ވާހަކަ. ނާދީ ހުރި ބިމުގައި އަދި ފަހުން ރައްޔިތުންގެ މަޖިލިސްވެސް ހިންގި އިމާރާތުގައި އެފަދަ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އެތަނުގެ ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާިލހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއަށްފަހު ރައްޖޭގެ އެކި ސަރަޙައްދުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ހުޅުވުމަށް ނިންމަވާފައިވާކަމަށެވެ. މީގެ ބޭނުމަކީ އިސްރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ގަދަރާއި އިޙްތިރާމް ހޯދައިދިނުމަށް މަގުފަހި ކުރުމާއި އެކަންކަމަށް ބާރުއެޅުންކަމަށާއި އިސް ރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޖުތަމަޢުގައި އިސް ރަށްވެހިންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެ މަރުކަޒުތަކުން ރާވާ ހިންގުމަކީވެސް މިފަދަ މަރުކަޒުތައް އެޅުމުގެ ބޭނުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު ޚިދުމަތުން ވަކިވެފައި ތިބި އިސްރަށްވެހިންނަކީ ދަޢުލަތުގެ އިދާރީ ހިންގުންތެރިކަމުގެ ތަޖުރިބާ ލިބިފައިވާ މީހުންކަމަށާއި މި މަރުކަޒުތައް ޤާއިމްކުރުމުން އެމީހުންގެ ތަޖުރިބާތައް އަންނަން އޮތް ޖީލަށް ހިއްސާކުރެވޭނެ ގޮތްވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.