އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފުރީ ހުސައިން މުޙައްމަދުގެ ރެފުރީކަމުގެ ދަރަޖަ މަތިވެއްޖެއެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާއިން މީގެ ކުރިން ހުސައިން ދަރަޖަ ކޮށްފައިވަނީ ޑީ ގްރޭޑުގައެވެ. އެކަމަކު އޭވީސީން ބުރާސްފަތި ދުވަހު ވަނީ ހުސެއިންގެ ދަރަޖަ ގްރޭޑް ސީއަށް މަތިކޮށްފައެވެ.
އެފްއައިވީބީގެ ބީޗް ވޮލީ ރެފްރީ ކޯސް 2012 ގައި ފުރިހަމަކުރި ހުސައިން ކެނޑިޑޭޓް ލެވަލްގައި ދެ އަހަރު ހޭދަކުރިއެވެ. އެއަށްފަހު އޭނާގެ ދަރަޖަ ގްރޭޑް ޑީއަށް މަތިކުރީ 2014 ވަނަ އަހަރުއެވެ.
އެފްއައިވީބީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ މަތިވުމަށް ދިގު މުއްދަތެއް ނަގައެވެ. ހުސައިން އާއެކު ދަރަޖަ މަތިކުރި ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ޚާލިދު އަލްހަންތޫބީ ރެފްރީކަމުގެ ކޯސް ފުރިހަމަކުރީ 2004 ވަނަ އަހަރުއެވެ.
ރާއްޖޭގައި ހުރި ބީޗްވޮލީ ބޯޅައިގެ ހަމައެކަނި އިންޓަނޭޝަނަލް ރެފްރީ ބުނީ އޭނާގެ ދަރަޖަ ބީ ކެޓަގަރީއަށް ކުރިއަށް އޮތް ތަނުގައި މަތިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރެފްރީ ދަރަޖަ މަތިވުމުން ވަތީ ފެންވަރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް ހުސައިން ބުންޏެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޖެނެރަލް ސެކެޓްރީގެ މަގާމު ކުރިން ފުރުއްވި ހުސައިން ވަނީ މީގެ ކުރިން އޭޝިއަން ބީޗް ވޮލީ ބޯޅަ މުބާރާތުގައިވެސް ރެފްރީކަން ކޮށްފައެވެ. އަދި ޖޫނިއާ ވޯލްޑް ބީޗް ވޮލީ ބޯޅަ މުބާރާތްތަކުގައިވެސް އޭނާ ރެފްރީކަން ކޮށްފައިވެއެވެ.