ތަކެތީގެ އަގު ބޮޑު ކުރި ނަމަވެސް ކާބޯތަކެތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ނެސްލޭއަށް މިދިޔަ އަހަރު ފައިދާ ލިބިފައި ވަނީ ލަފާކުރި މިންވަރަށްވުރެ މަދުން ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް މާކް ޝްނައިޑަރ ބުނެފިއެވެ.
މިއާއިއެކު މިއަހަރު އަނެއްކާވެސް އިތުރަށް ކުންފުނިން އުފައްދާ ތަކެތީގެ އަގު ބޮޑު ކުރާނެ ކަމަށް މާކްވަނީ ހާމަކޮށްފައެވެ.
ތަކެތީގެ އަގު ބޮޑު ކުރުމުގެ ސަބަބުން، އިންފްލޭޝަނާއި ހެދި މިހާރުވެސް ޚަރަދު ކުރުން މަދުކުރަމުންދާ ކޮންސިއުމަރުންނަށް އިތުރު ގޮންޖެހުމަކަށް ވެގެންދާނެއެވެ.
ނެސްކެފޭ އިންސްޓަންޓް ކޮފީއާއި ކިޓްކެޓް އަދި ޗޮކްލެޓް ބާވެސް އުފައްދާ ނެސްލޭގެ އުފެއްދުންތަކުގެ އަގު މިދިޔަ އަހަރު ވަނީ %8.2 އަށް ބޮޑުކޮށްފައެވެ. އަދި ޕެކޭޖް އުފެއްދުންތަކުގެ އަގު ވެސް ނެސްލޭއިން ވަނީ ބޮޑުކޮށްފައެވެ. އަގު ބޮޑު ކުރި ނަމަވެސް ކޮފީ އާއި ކިރުގެ އުފެއްދުންތައް އުފައްދަން ބޭނުންކުރާ ބާވަތްތަކުގެ އަގު ފޫނުބެއްދި ކުންފުނީގެ ފައިދާގެ ނިސްބަތް ވަނީ ދަށްވެފައެވެ.
"އަހަރެމެންގެ ގްރޮސް މާޖިން ގާތްގަނޑަކަށް 260 ބެސިސް ޕޮއިންޓް ދަށްވެއްޖެ. އެއީ ވަރަށް ބޮޑު މިންވަރެއް. އެއީ މިދިޔަ އަހަރު އަގުތައް ބޮޑުކުރުމަށްފަހު." ޝްނައިޑަރ ނޫސްވެރިންނަށް ވިދާޅުވިއެވެ.
އުފެއްދުންތަކުގެ އަގުތަކަށް ބަދަލު ގެންނާނީ މާކެޓްތަކަށް ބަލައިގެން ކަމަށް ނެސްލޭ އިން ބުނެއެވެ.
"އަޅުގަނޑުމެންގެ ބައެއް މާކެޓްތައް އެބަހުރި، އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައި ހުރި. މިސާލަކަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ މާކެޓްތައް. އަދި ޗައިނާ އާއި ޔޫރަޕް ފަދަ އިންފްލޭޝަން ދަށް މާކެޓްތައްވެސް އެބަ ހުރި. ޝްނައިޑަރ ވިދާޅުވިއެވެ.
މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައާއި އެހެނިހެން މުދަލުގެ ޚަރަދުތައް އިތުރުވެ، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަޕްލައި ޗެއިނަށްވެސް ވަނީ ބުރޫއަރާފައެވެ.
މިދިޔަ އަހަރު ނެސްލޭ ކުންފުނީގެ ވިޔަފާރި %8.4 އަށް އިތުރުވެ 102.31 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ނެސްލޭއިން ވަނީ ރިޕޯޓުކޮށްފައެވެ.
ހިއްސާދާރުންގެ ސާފު ފައިދާ 9.27 ބިލިއަން ސްވިސް ފްރާންކަށް ދަށްވެފައި ވީ ނަމަވެސް ދަށްވާނެ ކަމަށް މީގެކުރިން ލަފާކޮށްފައި ވަނީ 11.58 ބިލިއަން ސްވިސް ފްރޭންކް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.