ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލްންޖް: ތިން އަތޮޅަކުން ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ލ، ހއ އަދި ހދ އަތޮޅުގެ ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ރޭ ކުޅުނު ހއ އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އެ އަތޮޅުގެ ފައިނަލަށް ދަތުރުކުރީ އުތީމާއި ފިއްލަދޫއެވެ. މިއީ މި ދެ ޓީމުގެ މި މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އުތީމުން ސެމީ ފައިނަލުގައި ވަށަފަރުގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އުތީމުން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ހއ. އަތޮޅުގެ ދެވަނަ ސެމީގައި ފިއްލަދޫ ނުކުތީ މުރައިދޫއާ ދެކޮޅަށެވެ. އެ މެޗު ފިއްލަދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭ ވަނީ ހދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ވެސް ކުޅެފައެވެ. އެ މެޗުތަކަށްފަހު ފައިނަލަށް ދަތުރުކުރީ އެއް ގްރޫޕެއްގައި ހިމެނުނު ނައިވާދޫ އާއި ނޭކުރަންދޫއެވެ. އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫ އިން ފައިނަލަށް ދަތުރުކުރީ ސެމީގައި 3-1 ގެ ނަތީޖާއަކުން ކުމުންދޫ ބަލިކޮށްގެންނެވެ.

ދެވަނަ ސެމީގައި ނޭކުރަންދޫ އިން ވަނީ ނެއްލައިދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.

ލ އަތޮޅުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވީ ލީގު ބުރުގެ ގަދަ ދެ ޓީމެވެ. އެގޮތުން މި އަތޮޅުގެ ފައިނަލް ކަށަވަރުކުރީ ގަމާއި އިސްދޫ އިންނެވެ. ފުރަތަމަ ތިން މެޗުންވެސް މި ދެ ޓީމު ވަނީ މޮޅުވެފައެވެ. އިއްޔެ ހަވީރު ގަން މައިބާދޫ އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އިސްދޫން ވަނީ 6-2 ގެ ނަތީޖާއަކުން މާމެންދޫ ބަލިކޮށްފައެވެ.

އިއްޔެ ހަވީރު ވަނީ ކ. އަތޮޅު މެޗުތައް ވެސް ކުޅެފައެވެ. އެގޮތުން ގާފަރުން ވަނީ 5-0 ގެ ނަތީޖާއަކުން ދިއްފުށި ބަލިކޮށްފައެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ ސެމީގެ ޖާގަ ޔަގީންވެފައެވެ. ކ އަތޮޅުގެ އަނެއް މެޗުގައި ކުޅުނީ ތުލުންދޫ އާއި ގުރައިދޫއެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުތަކަށްފަހު ވަނީ އދ. އަތޮޅުގެ ސެމީއަށް މަހިބަދޫ އާއި ހަންޏާމީދޫ ގޮސްފައެވެ. މަހިބަދޫ ސެމީއަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި އޮމަދޫއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ހަންޏާމީދޫ އާއި މާމިނގިލި ބައްދަލުކުރި މެޗުވެސް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދިއްގަރުގެ ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބުކުރީ މުލައް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި 2-5 ގެ ނަތީޖާއަކުން މުލިން ވަނީ ކޮޅުފުށި ބަލިކޮށްފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗު ކުޅޭނެއެވެ. އަދި މިރޭ އަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހެވެ