ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޗައިނާއިން އެހީވާނެކަމުގެ ޔަގީންކަން ނުލިބުނު ނަމަވެސް ސްރީ ލަންކާއަށް ލޯނު ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ވިސްނާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަދުން ނަމަވެސް ބޭނުންކުރާ ސިޔާސަތެއްގެ ދަށުން އައިއެމްއެފުން ލަންކާގެ ލޯނު ފާސްކުރުމަށް ވިސްނާފާނެ ކަމަށާއި، ސަބަބަކީ ކުރިއަށް ދިއުމަށް ހުރަސްއެޅޭ ހަމައެކަނި ޝަރުތަކީ ޗައިނާގެ ރަސްމީ ޔަގީންކަން ކަމަށް ބްލޫމްބާގް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
"ލަންކާގެ ކަމާއިބެހޭ ފަރާތްތަކުން އެމީހުންގެ ރަސްމީ ބައިލެޓަރަލް ކްރެޑިޓަރުންގެ އަތުން ފައިނޭންސިން އެޝުއަރެންސް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެއީ އައިއެމްއެފްގެ އިންތިޒާމެއް ހޯދުމަށް އެދުމުން ފަންޑުގެ އެގްޒެކެޓިވް ބޯޑަށް ބެލޭނެ ކަމެއް،" އައިއެމްއެފްގެ ތަރުޖަމާނަކު ރޮއިޓާސް ނޫހަށް ވިދާޅުވިއެވެ.
އައިއެމްއެފުން ބުނިގޮތުގައި ސިޔާސަތު ތަންފީޒުކުރެވޭނެ ސީދާ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން ވަގުތު ނުޖެހޭކަމަށާއި، އަޕްފްރަންޓް ޕޮލިސީ ފިޔަވަޅުތައް ފުރިހަމަކުރުމުގައި އައިއެމްއެފްގެ މުވައްޒަފުން ލަންކާގެ ކަމާއިބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޗައިނާގެ ޔަގީންކަން ނުލިބުނު ނަމަވެސް އައިއެއެމްއެފުން ލަންކާގެ ލޯނު ފާސްކުރާނެކަމަށް ބެލެވޭކަމަށް ބުނެ ރިޕޯޓުކޮށްފައި މިވަނީ ޖީ20 ގެ މާލީ މަޝްވަރާތަކަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ، ޖެނެޓް ޔެލެން އަންނަ ހަފްތާގައި އިންޑިއާއަށް ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. މި ދަތުރުގައި އެމެރިކާއިން ބޮޑަށް ފޯކަސް ކުރާނީ ނާޒުކު ގައުމުތަކަށް ދަރަނި ރީސްޓްރަކްޗަރ ކުރުން ހުއްޓުވުމަށެވެ.
މީގެ ކުރިން ފެބްރުއަރީ މަހުގެ ކުރީކޮޅު އައިއެމްއެފުން ބުނެފައިވާ ގޮތުގައި ލަންކާގެ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލައުޓް ޕެކޭޖު ފާސްކުރަން ނިންމާފައިވަނީ ބައިލެޓަރަލް ކްރެޑިޓަރުންގެ ފަރާތުން އެކަށީގެންވާ ޔަގީންކަން ލިބި، ނުނިމި ހުރި ޝަރުތުތައް ފުރިހަމަވުމާއެކު ކަމަށެވެ.
1948 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިޞާދީ ދަތިކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަނީ ޑޮލަރުގެ ދަތިކަމާއި، ތަކެތީގެ އަގުތައް އުފުލި، ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ނެތުމުންނެވެ. އެގޮތުން ލޯނުތައް ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ލަންކާއަށް ވަނީ އައިއެމްއެފްއާއި އެހެން ފަރާތްތަކުގެވެސް އެހީ ހޯދަން މަޖުބޫރުވެފައެވެ.