ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ރ. އަތޮޅުގެ ފައިނަލަށް ދުވާފަރު ދަތުރުކޮށްފި


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް ރ. އަތޮޅު ފައިނަލަށް ދުވާފަރު ދަތުރުކުރިއިރު، ތ. އަތޮޅުގެ ސެމީ ފައިނަލަށް އޮމަދޫ އާއި ކިނބިދޫ އަދި ވޭމަންޑޫ ދަތުރުކޮށްފިއެވެ.

ދުވާފަރުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ރޭ އަލިފުށި 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ. ފައިނަލްގައި ދުވާފަރުން ވާދަކުރާނީ ވާދަވެރި، އިނގުރައިދޫއާއެވެ. ރ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދުވާފަރެވެ.

މީގެ އިތުރުން ރޭ ރ. އަތޮޅު އިތުރު މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗު މީދޫން ކާމިޔާބުކުރީ ފަސޭހަކަމާއެކު 9-2 ގެ ނަތީޖާއަކުންނެވެ.

ތ. އަތޮޅުގެ ސެމީން ވޭމަންޑޫ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި އޮމަދޫ އަތުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ތ. އަތޮޅު ގާދިއްފުށި އަދި ހިރިލަންދޫގެ ކުރިމަތިލުން ނިމުނީ 5-1 ގެ ނަތީޖާއަކުން ހިރިލަންދޫ ކުރިހޯދައިގެންނެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ވަނީ ށ. އަތޮޅުގެ މެޗުތައް ވެސް ކުޅެފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫން ވަނީ ބިލަތްފަި 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ކަނޑިތީމުން ވަނީ ފީވަށް 5-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މީގެ އިތުރުން ގދ. ހޯދެއްޑޫގެ މައްޗަށް ގައްދޫއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ވާދޫން ވަނީ މަޑަވެލީގެ މައްޗަށް 11-2 އިން ކުރިހޯދައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ހަތް މެޗު ކުޅޭނެއެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހެވެ.