ގދ. ގައްދޫގެ ޗެމްޕިއަން އިސްމާޢީލް ރަޝީދު (ސްމައިލީ) ބަލިކޮށް ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2023 ގެ ޗެމްޕިއަންކަން އެ ރަށުގެ މުޙައްމަދު ނަޖާހު (ކަބޯ) ހޯދައިފިއެވެ.
ގައްދޫގައި ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ނަޖާހު ހޯދީ ފައިނަލުގައި 0.33 ގެ ތަފާތުންނެވެ. ނަޖާހު 15.33ގެ ސްކޯއެއް ހޯދިއިރު، އިސްމާއީލް ރަޝީދަށް އަށް ލިބުނީ 15.00ގެ ސްކޯއެކެވެ. މި މުބާރާތަކީ ސާފިން އެސޯސިއޭޝަނުން އެ ރަށުގައި ބޭއްވި ތިން ވަނަ މުބާރާތެވެ.
ފައިނަލުގެ ފުރަތަމަ ރާޅު އެޅި ނަޖާހް 8.33 ގެ ސްކޯއެއް ހޯދިއިރު އިސްމާއީލް ރަޝީދު ވަނީ ދެ ރާޅުން 7.17 އާއި 7.83 ގެ ސްކޯއެއް ހޯދާ ނަޖާޙުގެ މައްޗަށް ކުރިހޯދާފައެވެ.
އެއަށްފަހު 15.00 ގެ ސްކޯއެއްގައި އިސްމާއީލް އޮއްވާ ނަޖާޙު ވަނީ އޭނާގެ ދެ ވަނަ ރާޅުގައި 7.00 ގެ ސްކޯއެއް ހޯދާފައެވެ. އެއަށްފަހު އިސްމާއީލް ދެ ރާޅު އެޅި ނަމަވެސް ސްކޯ މަތި ނުކުރެވުނެވެ.
މިއީ ސާފިން އެސޯސިއޭޝަންގެ ރަސްމީ މުބާރާތެއްގައި ކަބޯ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން މިދިޔަ އަހަރު ގައުމީ ލީގުގައި ކުރިއަށްދިޔަ ފަސް މުބާރާތުގެ ތެރެއިން ދެ މުބާރާތެއްގެ ފައިނަލުން އޭނާ ބަލިވެފައިވެއެވެ.