ކުޅިވަރު

އެތުލެޓިކްސް ކޯޗު ހުސެއިނަށް އެމްއޯސީގެ ކޯޗިން ސްކޮލަޝިޕް ލިބިއްޖެ


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ފަހިކޮށްދޭ އިސްލާމިކް ސޮލިޑާރިޓީ ސްކޮލާޝިޕްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމް (އައިސީއީސީޕީ) ސްކޮލަޝިޕް، ގައުމީ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު ހުސެއިން ހަލީމަށް ލިބިއްޖެއެވެ.

ގައުމީ ފެންވަރުގައި މަސައްކަތްކުރާ ކޯޗުންގެ ފެންވަރު މަތިކޮށް ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބޭ އައިސީއީސީޕީ ކޯޗިން ޕްރޮގްރާމަކީ އެމެރިކާގެ ޑެލެވެއާ ޔުނިވާސިޓީ އިން ކުރިއަށްގެންދާ ކޯހެކެވެ.

ދިހަ މަސްދުވަހުގެ މި ކޯހުގައި ކޯޗިންގެ އަށް މޮޑިއުލެއް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ސްޕޯޓްސް ޓެކްނޮލޮޖީ، އެތުލީޓުންގެ ޕާފޯމަންސް އިވެލުއޭޝަން، ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން، ޓްރެއިނިން ބައްޓަން ކުރާނެ ގޮޮތް، ނަފްސާނީ ގޮތުން އެތުލީޓުން ތައްޔާރުކުރުން އަދި ކޯޗުންގެ އެތިކަލް ލީޑާޝިޕް ފަދަ މުހިންމު ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ކޯހުގެ އެންމެ މުހިންމު ބައިކަމަށްވާ ފައިނަލް އިމްތިހާނުގައި އެ ގައުމެއްގެ ކުޅިވަރުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެ ދާއިރާއެއް ކަނޑައަޅައި، އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމަށް ހާއްސަ ރިޕޯޓެއް ތައްޔާރުކުރަން ޖެހޭނެއެވެ.

ހުސެއިން ރަސްމީކޮށް އެތުލެޓިކްސް ކޯޗިން ކޯސް ފުރިހަމަކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރު ކޯޗިންގެ ލެވަލް އެކެއް ފުރިހަމަ ކުރުމަށްފަހު އެ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރުގައި ކޯޗިންގެ ލެވަލް ދޭއް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

އޭގެ ފަހުން އޭނާ އެތުލެޓިކްސްގެ ޔޫތު ޓީމުތަކާ އެކު މަސައްކަތްކުރި އެވެ. އެ ގޮތުން 2018ގެ އޭޝިއަން ޔޫތު ގޭމްސްގައި ކޯޗުގެ މަސައްކަތްތައް ކުރަމުން ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާތައް ވެސް އަދާކުރިއެވެ.

ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ، ހުސައިން ދުވުން ހުއްޓާލީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހަޓީގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހުގައެވެ.

ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގެ ކޯޗު ހުސައިން އަށް މި ސްކޮލާޝިޕް ލިބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމްއޯސީން ހުޅުވާލި ފުރުސަތުގައި އެސޯސިއޭޝަންތަކުން ފޮނުވި ނަންތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.