ޚަބަރު

މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް މުލަކުގައި ތަރައްޤީކުރަނީ


މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް މ.މުލަކުގައި ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއީ ސަރުކާރުން އިސްނަގައިގެން މަސްވެރިންނަށް ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެ އެކި ހިސާބުތަކުގައި، ހަމަޖެއްސުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސައްކަތެކެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޤަސަމް ހިމެނޭހެން ޓީމެއް ވަނީ މުލަކު ކައުންސިލާއި ބައްދަލުކޮށް މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އެފްއެސްއެމްއިން ދާދިފަހުން ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެލުގެ ޙިދުމަތް ފޯރުކޮށްދޭންވެސް ފަށާފައެވެ. މީގެއިތުރުން، މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފްއެސްއެމްއިންވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީންވެސް މިދިޔަ ނޮވެމްބަރު މަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.

އެފްއެސްއެމްއިން އޭރު ހާމަކޮށްފައިވާ ގޮތުގައި ހާއްސަ ރޭޓުގައި ތެޔޮ ދޫކުރާނީ މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށް އެކަނިއެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.

އެފްއެސްއެމްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. އެކުންފުނިން އަންނަނީ މީހުން ދިރިއުޅޭ %97 ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.