ޚަބަރު

ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ފުލުހުން ޑިޕްލޮމާ ފުރިހަމަކުރަން ދިން މުއްދަތު އިތުރުކުރަނީ


ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ފުލުހުންނަކީ ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ތަޢުލީމު ހާސިލް ކޮށްފައިވާ ބަޔަކަށް ހެދުމަށް ފުލުހުންގެ ޤާނޫނުގައި ދީފައިވާ މުއްދަތު އިތުރުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ. މި ބިލްގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު 2020 ވަނަ އަހަރު ފާސްވެގެން ދިޔައިރު ޤާނޫނުގައި ފުލުހުންނަކީ ތައުލީމާއި ޚާއްސަ ތަމްރީންތަކެއް ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭކަމަށް ވަނީ ބުނެފައެވެ.

މިގޮތުން ފުލުހުންގެ އެކި ތަހުގީގްތަކުގައި ހުއްދަ ދެވޭ ފުލުހުންނަކީ އެމީހެއްގެ އަތުގައި އެދާއިރާއަކުން އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭކަމަށް ވަނީ ބުނެފައެވެ. މިގޮތުން، މި ފެންވަރަށް އެންމެ ދަށް ވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލް ކުރުމަށް ދެ އަހަރުގެ މުއްދަތެއް ދީފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި މިމުއްދަތު 2024 ވަނަ އަހަރުގެ އޭޕްރީލް މަހަށް އިތުރު ކުރުމުގެ ބާރު ކަމިޝަނާ އޮފް ޕޮލިސްއަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. މިގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މިހާރު ކަނޑައަޅާފައި މުއްދަތުގައި މިފެންވަރުގެ ސަނަދެއް ހާސިލްކޮށް ނުނިމިދާނެކަމަށް ފެންނާތީއެވެ.

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް، ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެންވުނު ބަދެލެވެ. ފުލުހުންގެ އާ ޤާނޫނުގައި ފުލުހުންގެ ތައުލީމީ ފެންވަރާއި، ޖަވާބުދާރީ ކުރެވޭނެ ގޮތާއި، ޒިންމާދާރު ކުރެވޭނެ ގިނަ ކަންކަން ވަނީ ހިމަނާފައެވެ.