ޚަބަރު

ބޮޑު ހިޔާނާތުގައި ބައިވެރިވި ޒިޔަތުގެ އާއިލީ މީހެއްގެ އަތުން 37.9 މިލިޔަން ރުފިޔާ ހޯދަނީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ހިމެނޭ މީހެއްގެ އަތުން 37.9 މިލިޔަން ރުފިޔާ ހޯދުމަށް އޭސީސީން، އެމްއެމްޕީއާރުސީއަށް އަންގައިފިއެވެ.

އޭސީސީން ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި، ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްއަށް ލިބުނު 2.4 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 37.9 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި، މިމަހުގެ 14 ވަނަ ދުވަހު އެމް.އެމް.ޕީ.އާރު.ސީއަށް އަންގައިފައިވާކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި މިއީ ކޮންކަމަކާއި ގުޅޭ ފައިސާއެއްކަމެއްވެސް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގައި ހިމެނޭ އަބްދުﷲ އާސިމްއަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ތިމާގެ މީހެކެވެ.

އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.