ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ދޭން ފެށި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ މިއަހަރުގެ އެވޯޑު ހަފުލާ އަންނަ މަހު ބޭއްވުމަށް ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. މި އެވޯޑު ހަފުލާގައި މިއަހަރުވެސް ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެ އެވެ.
މި އެވޯޑު ހަފުލާގައި މިދިޔަ އަހަރު އެވޯޑު ދީފައިވަނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބެލުމަށްފަހު އެވެ.
އެގޮތުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ލިބިފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށެވެ.
މިއަހަރު ބޭއްވުމަށް ތައްޔާރުވާ އެވޯޑު ހަފުލާގައި އެވޯޑު ދޭނީ ނިމިދިޔަ އަހަރު ފާހަގަކޮށްލެވޭ އެތްލީޓުންނަށެވެ. މީގެއިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ޝަހުސިއްޔަތުން މި އެވޯޑު ހަފުލާގައި ބައިވެރިވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފު ވަނީ ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައެވެ.
މިއީ ޔޫތު މިނިސްޓްރީއިން ކުޅިވަރު ދާއިރާއަށް އަމާޒްކޮށްގެން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. ސަރުކާރުން އެންމެ ފަހުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012ވަނަ އަހަރުއެވެ. އެ އަހަރު އެވޯޑް ބާއްވާފައިވަނީ ގައުމީ ކުޅިވަރު އެވޯޑްގެ ނަމުގައެވެ