މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ މ. އަތޮޅުގެ ސެމީގެ ފަހު ޖާގަތައް މަޑުއްވަރީއާއި މުލިން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިޔަށްދާ މުބާރާތުގެ ކުޅުން ފޯރީގައި ކުރިޔަށްދާއިރު، އއ. އަތޮޅުގެ ސެމީގެ ފަހު ޖާގައަށް ވެސް ވަނީ ވާދަވެރިިކަން ބޮޑުވެފައެވެ. ޖުމްލަ ފަސް ޓީމާއެކު މި އަތޮޅުގެ މެޗުތައް ކުރިޔަށްދާއިރު މަތިވެރި ވަނީ ފައިނަލުގެ ފުރުސަތު ކަށަވަރުކޮށްފައެވެ. އެޓީމާ ދެކޮޅަށް ފައިނަލްގައި ޖެހޭ ޓީމު އެނގޭނީ މިހާތަނަށް ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައި އޮތް ބޮޑުފޮޅުދުއާއި ރަސްދޫ ކުރިމަތިލާ މެޗަށް ފަހުއެވެ.
މ. އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ރޭގެ މެޗުތަކަށް ދިޔަ އިރުވެސް ގްރޫޕް އެކަކުން ސެމީއަށް ދާނެ ޓީމުތައް އޮތީ ޔަގީން ވެފައެވެ. ތިން ޓީމު ހިމެނޭ އެ ގްރޫޕުން ދިއްގަރާއި ނާލާފުށި ސެމީ ފައިނަލް ޔަގީން ކޮށްފައި އޮވެ ރޭ ނުކުތީ ގްރޫޕް އެއްވަނަ ކަށަވަރުކުރުމަށެވެ. ރޭ ނާލާފުށިން ވަނީ 2-1 އިން ދިއްގަރު ބަލިކޮށް ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. މަޑުއްވަރީން ސެމީގެ ޖާގަ ޔަގީންކުރީ 2-0 އިން މުލި ބަލިކޮށްގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ވާދަކުރެއެވެ. މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުގައެވެ.