އަށް ދުވަސް ތެރޭގައި ފަލިޖަހައިގެން ރާއްޖޭގެ އަށް އަތޮޅު ހުރަސްކޮށް، އީކުއޭޓަރަށް ކުރާ ފުރަތަމަ ދަތުރުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ ކުރަމުންދާ ދަތުރުގެ ތެރެއިން ތިން ދުވަހުގެ ތެރޭގައި 137 ކިލޯމީޓަރު ކަޑައްތުކޮށްފިއެވެ.
ވޯލްޑް ރެކޯޑެއް ގާއިމްކުރުމުގެ ގޮތުން އޭނާ ފެށި މި ދަތުރުކުރާނީ ހަމައެކަނި ފަލި ޖަހައިގެންނެވެ. އޭނާ މި ދަތުރުގައި ބޭނުންކުރަނީ ސީދާ މި ކަމަކަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.
ރާއްޖޭގައި ޑެމިއަން ފެށި މި ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އޭނާ މި ދަތުރު ނިންމާލާނީ މި މަހު 24ވަނަ ދުވަހެވެ. ނިމޭއިރު ހުންނާނީ ޒީރޯ ޑިގްރީގައެވެ. އެއީ އީކުއޭޓަރެވެ.
މިދިޔަ ހުކުރު ދުވަހު ހުޅުމާލެއިން ނައްޓާލިތާ ހަތް ގަޑިއިރު ފަހުން އޭނާ ހުރީ ކ. މާފުށީގައެވެ. އެ ރަށުގައި މަޑުކުރުމަށްފަހު އަނެއް ދުވަހު ކުރި ދަތުރުން އޭނާ ވަނީ ވ. އަތޮޅު ރަކީދޫއަށް ގޮސްފައެވެ. އެއަށްފަހު މީމު އަތޮޅަށް ވަނީ ގޮސްފައެވެ. އަދި ހޯމަދުވަހު އޭނާ ދަތުރުކުރާނީ ތ. އަތޮޅަށެވެ.
ދަތުރާއި ގުޅޭގޮތުން ޕީއެސްއެމް އާއި ވާހަކަދައްކަމުން ޑެމިއަން ބުނީ މިއީ އުނދަގޫ ދަތުރެއް ކަމަށާއި ނަމަވެސް ކާމިޔާބީއާ ހަމައަށް ވާސިލުވާން ގަދައަޅާ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ތިން ދުވަސްތެރޭ ހާސިލުކުރެވުނު ކަންކަމާ މެދު ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި ދަތުރުގައި އޭނާ އަށް އަތޮޅެއް ހުރަސް ކުރާނެއެވެ. އަދި ހަތް ރަށަކަށް މަޑުކުރާނެއެވެ. އޭނާ މަޑުކުރާނެ ރަށްތަކަކީ:ކ. މާފުށި، ވ. ރަކީދޫ، މ. ކޮޅުފުށި، ތ. ގުރައިދޫ، ލ.ފޮނަދޫ، މާނަގާލާ، ގދ. ވާދޫ އެވެ. ވާދޫ އިން އޭނާ އެނބުރި ހުޅުމާލެއަށް އަންނާނެއެވެ.
ޑެމިއަން ރައިޑާއަކީ 15 ވޯލްޑް ރެކޯޑެއް ހާސިލްކޮށްފައިވާ އެކްސްޓްރީމް ސްޕޯޓާއި އެޑްވެންޗާ އެތުލީޓެކެވެ. ރާއްޖޭގައި 480 ކިލޯމީޓަރުގެ ދަތުރެއް ހަތް ދުވަސްތެރޭ ފަލި ޖަހައިގެން ދަތުރުކުރަމުން އަންނައިރު އޭނާ އޮސްލިއާގައި މިޔަރު ގިނަ ކަނޑުގެ ސަރަހައްދެއްގައި 800 ކިލޯމީޓަރުގެ ދިގު ދަތުރެއް 17 ދުވަހުން ކޮށްފައެވެ.
މި ދަތުރުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ.