ކުޅިވަރު

އޭސީސީ ޗެލެންޖާސް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ކްރިކެޓް ޓީމު ތައިލެންޑަށް


އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިރިހެން ކްރިކެޓް ޓީމު ތައިލޭންޑަށް ފުރައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 24 އިން މާޗް ހަތެއްގެ ނިޔަލަށެވެ. ޗެލެންޖާސް ކަޕްގައި ރާއްޖެއާއެކު ޖުމްލަ އަށް ގައުމަކުން ވާދަކުރާނެ އެވެ.

އޯޑީއައި ފޯމެޓަށް ކުޅެ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ބަހްރެއިން، ބޫޓާން އަދި އީރާން އާއިއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދިއަރަބިއްޔާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާ އެވެ.އޭސީސީ ޗެލެންޖުކަޕަށް ގައުމީ ޓީމް މިހާރު އެކުލަވާލާފައިވާއިރު، މުބާރާތުގައި ޓީމްގެ ކެޕްޓަންގެ ޒިންމާ އަދާކުރާނީ އާދަމް ނަސީފް އުމަރު އެވެ.

ގައުމީ ޓީމްގެ ކެޕްޓަނަކަށް މިދިޔަ އަހަރު ހަމަޖެއްސި އަޒްޔާން ފަރުހަތު ޖަލީލް ހުރީ އަނިޔާގަ އެވެ. މި މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަންކަން ހަވާލްކޮށްފައިވަނީ އަހުމަދު އަމީލްއާ އެވެ.

މިފަހަރުގެ ޓީމްގައި ޒުވާން ވިކެޓްކީޕަރު ޝިއުސް ފަރީދު ހިމަނާފައިވާއިރު، ތަޖުރިބާކާރު ސްޕިން ބޯލަރު މުހައްމަދު މަހްފޫޒު ވެސް ޓީމްގައި ހިމެނެ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ކުލަބަކަށް ކުޅެމުން އައި ބާރު އުކުންތެރިޔާ ހަސަން އިބްރާހިމްވެސް ޓީމްގައި ހިމެނެ އެވެ.

ގައުމީ ޓީމްގެ ކޯޗަކަށް މި މުބާރާތުގައިވެސް ހަރަކާތްތެރިވާނީ އަހުމަދު ނީޝާމް އެވެ. އޭނާގެ އެހީތެރިއަކީ އިމާދު އިސްމާއިލް އެވެ. މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ޝާޒު އެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެ އެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ. މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.