ކުޅިވަރު

ޑެމިއަން ރައިޑާ ކުރަމުންދާ ދަތުރުގެ ތެރެއިން ކޮޅުފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް


އަށް ދުވަސް ތެރޭގައި ފަލިޖަހައިގެން ރާއްޖޭގެ އަށް އަތޮޅު ހުރަސްކޮށް، އީކުއޭޓަރަށް ކުރާ ފުރަތަމަ ދަތުރުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ ކުރަމުންދާ ދަތުރުގެ ތެރެއިން މ. ކޮޅުފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވޯލްޑް ރެކޯޑެއް ގާއިމްކުރުމުގެ ގޮތުން އޭނާ ފެށި މި ދަތުރުކުރާނީ ހަމައެކަނި ފަލި ޖަހައިގެންނެވެ. އޭނާ މި ދަތުރުގައި ބޭނުންކުރަނީ ސީދާ މި ކަމަކަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.

ރާއްޖޭގައި ޑެމިއަން ފެށި މި ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އޭނާ މި ދަތުރު ނިންމާލާނީ މި މަހު 24ވަނަ ދުވަހެވެ. ނިމޭއިރު ހުންނާނީ ޒީރޯ ޑިގްރީގައެވެ. އެއީ އީކުއޭޓަރެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލެއިން ނައްޓާލިތާ ހަތް ގަޑިއިރު ފަހުން އޭނާ ހުރީ ކ. މާފުށީގައެވެ. އެ ރަށުގައި މަޑުކުރުމަށްފަހު އަނެއް ދުވަހު ކުރި ދަތުރުން އޭނާ ވަނީ ވ. އަތޮޅު ރަކީދޫއަށް ގޮސްފައެވެ. އެއަށްފަހު މ. އަތޮޅު ކޮޅުފުއްޓަށް ގޮސްފައިވަނީ ހޯމަދުވަހުގައެވެ. އެ ރަށަށް ދިއުމުން ރަށުގެ ރައްޔިތުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮޅުފުށީގައި ހުރެ ޕީއެސްއެމް އާއި ވާހަކަދައްކަމުން ޑެމިއަން ރައިޑާ ބުނީ މި އުނދަގޫ ދަތުރުގެ ތެރެއިން ކޮޅުފުއްޓަށް އައި އިރު ހުރީ ވަރަށް ބޮޑަށް ވަރުބަލިކޮށް ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާގެ ސަބަބުން މި ދަތުރު ފުރިހަމަކުރުމަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އެކަމަށްޓަކާ ޑެމިއަން ރައިޑާ ވަނީ ކޮޅުފުށީގެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.

މި ދަތުރުގައި އޭނާ އަށް އަތޮޅެއް ހުރަސް ކުރާނެއެވެ. އަދި ހަތް ރަށަކަށް މަޑުކުރާނެއެވެ. އޭނާ މަޑުކުރާނެ ރަށްތަކަކީ:ކ. މާފުށި، ވ. ރަކީދޫ، މ. ކޮޅުފުށި، ތ. ގުރައިދޫ، ލ.ފޮނަދޫ، މާނަގާލާ، ގދ. ވާދޫ އެވެ. ވާދޫ އިން އޭނާ އެނބުރި ހުޅުމާލެއަށް އަންނާނެއެވެ. މި ދަތުރުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ.