ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހއ. އުތީމާއި، ހދ. ނައިވާދޫ އަދި ށ. ފޯކައިދޫން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު ހއ.ގެ ފައިނަލުގައި އުތީމުން ވަނީ ފަހަތުން އަރައި ފިއްލަދޫ އަތުން 2-1 އިން މޮޅުވެފަ އެވެ. ނައިވާދޫން ވަނީ ހދ.ގެ ފައިނަލުގައި ނޭކުރެންދޫ އަތުން 1-0 އިން މޮޅުވެފަ އެވެ. ށ، އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު އަތުން ފޯކައިދޫ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން، 4-3 އިންނެވެ.
މިއީ ފުޓްސަލްގައި އުތީމުން ހޯދި ފުރަތަމަ ތަށްޓެވެ. ހއ.ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފިއްލަދޫގެ މުހައްމަދު ހުސާމް އަަށެވެ. އެންމެ ގިނަ ލަނޑު ޖެހީ ވަށަފަރުގެ ސާޖިދު ރަޝީދެވެ.
މީގެ އިތުރުން ނައިވާދޫން ފަސް ވަނަ ފަހަރަށް އަތޮޅު ތަށި ހޯދިއިރު، ހދ.ގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
އަދި ފޯކައިދޫން ކަނޑިތީމު ބަލިކޮށް ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ ކެޕްޓަން، އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.
ހއ. އާއި ހދ. އަދި ށ.ގެ ޗެމްޕިއަނާއި ރަނަރަޕް ދެން ނުކުންނާނީ ޒޯން އެކެއްގަ އެވެ. ޒޯން އެކެއްގެ ގްރޫޕް އެކެއްގައި ހިމެނެނީ ނޭކުރެންދޫ އާއި ނައިވާދޫ އަދި އުތީމު އެވެ. ޒޯން އެކެއްގެ ގްރޫޕް ދޭއްގައި އޮތީ ފޯކައިދޫ އާއި ކަނޑިތީމު އަދި ފިއްލަދޫއެވެ.