ދުނިޔޭގެ ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްއެސްބީސީއަށް ބޮޑު ފައިދާއެއް!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަރެސްޓު ރޭޓު މަތިވުމުން އިނގިރޭސިވިލާތުގެ ބޭންކިން ކުންފުނި އެޗްއެސްބީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ 2 ގުނަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ލަންޑަންގައި ހުންނަ އެ ބޭންކަށް މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު ޓެކްސް އުނިކުރުމަށްފަހު، 5.2 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %90 އަށްވުރެ އިތުރު އަދަދެކެވެ.

ނަމަވެސް ފްރާންސްގެ ރީޓެއިލް ބޭންކިން އޮޕަރޭޝަންތައް ހަރަދު ބޮޑުވުމުން މުޅި އަހަރު ޓެކްސް އުނިކުރުމަށްފަހު ލިބުނު ފައިދާ 1.4 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެ، 17.5 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ ވެއްޓިފައެވެ.

އެޗްއެސްބީސީން އަންނަނީ އެމީހުންގެ ކެނެޑާ ވިޔަފާރި ވިއްކާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ކެނެޑާގައި ހިންގާ ބޭންކިން އޮޕަރޭޝަންތައް ރޯޔަލް ބޭންކް އޮފް ކެނެޑާއަށް ވިއްކުމަށް އެއްބަސްވެފައިވާކަމަށް ނޮވެމްބަރުމަހު އެޗްއެސްބީސީން ވަނީ ބުނެފައެވެ. އަދި އެ ވިޔަފާރި ވިއްކައިގެން ލިބޭ ފައިސާ ބޭނުންކޮށްގެން ޑީލް ނިމުމުން ހިއްސާދާރުންނަށް ފައިސާ ދެއްކުމަށް ރާވާފައިވާކަމަށްވެސް އެޗްއެސްބީސީން ބުނެއެވެ.


އެޗްއެސްބީސީގެ ވިޔަފާރި އޭޝިއާއަށް ފޯކަސް ކުރާތީ، ވިޔަފާރި ނިންމާލުމަށް ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށްފަހު އެ ކުންފުނިން ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހު އެމީހުންގެ ފްރާންސްގެ ރީޓެއިލް ބޭންކް ވިއްކާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ. އެ ބޭންކުން ލަފާކުރާ ގޮތުގައި އެ ވިޔަފާރި ވިއްކާލުމުން ފައިދާއަށް 2.4 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ.

އެޗްއެސްބީސީން ވިޔަފާރިތައް ވިއްކަމުން އަންނަނީ އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ޗައިނާގެ އިންޝުއަރެންސް ޖަޔަންޓް ޕިންގް އާންގެ ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހުމުންނެވެ. އެޗްއެސްބީސީން ވިޔަފާރިތައް ވިއްކަމުން އަންނަނީ އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ޗައިނާގެ އިންޝުއަރެންސް ޖަޔަންޓް ޕިންގް އާންގެ ޕްރެޝަރުތަކާއި ހެދިއެވެ.

މިދިޔަ އަހަރުން ފެށިގެން ޕިންގް އާންއިން އާންމުކޮށް ގޮވާލަމުން އައީ އެޗްއެސްބީސީން އޭޝިއާގައި ކުރާ ވިޔަފާރި ބައިބައިކޮށް ފައިދާ އިތުރު ކުރުމަށެވެ. އެޗްއެސްބީސީންވެސް ވަނީ ހަރަދުތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ފާއިތުވި އަހަރުތަކުގައި ވަޒީފާތައް މަދުކޮށްފައެވެ.