ކުޅިވަރު

ފޯ ނޭޝަންސް ކަޕް: ރާއްޖޭގެ ފުރަތަމަ ކުރިމަތިލުން މެލޭޝިއާއާ ދެކޮޅަށް


ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ރާއްޖޭން ފުރަތަމަ މެޗުގައި މެލޭޝިއާއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ކުޅެނީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން އަފްގާނިސްތާނާއި ސިންގަޕޫރު އެވެ. މީގެއިތުރުން މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ވާދަކުރަނީ މެލޭޝިއާ އާއި ސިންގަޕޫރާ އެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ރާއްޖޭގެ އަންހެން ޓީމު އެންމެ ފުރަތަމަ ބައްދަލުކުރާނީ މެލޭޝިއާއާއެވެ. އެގޮތުން ރާއްޖެގަޑިން 16:30 ގައި އެ މެޗު ކުޅޭއިރު، އެ ދުވަހުގެ ރޭ 20:30 ގައި ބައްދަލުކުރާނީ މެލޭޝިއާގެ ފިރިހެން ވޮލީ ޓީމާއެވެ.

ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިޔަށްދާނީ ލީގު ބުރަކަށްފަހު ސެމީގެ ފުރަތަމަ މެޗުގައި އެއްވަނަ ޓީމު އަދި ހަތަރުވަނަ ޓީމު ބައްދަލުކުރާ ގޮތަށެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނެ އެވެ.

އަންހެން ޑިވިޝަނުގައި ބައިވެރިވީ ތިން ޓީމުކަމުން އެ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެއްވަނަ ޓީމު ފައިނަލަށް ހޮވޭނެއެވެ. ފައިނަލަށް ދާ ދެވަނަ ޓީމު ހޮވާނީ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުންނެވެ.

4 ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިމުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މާދަމާއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައެވެ.