ދުނިޔޭގެ ވިޔަފާރި

ޗައިނާއިން 700 މިލިއަން ޑޮލަރުގެ ލޯނެއް ޕާކިސްތާނުން ނަގަނީ


ބޭރު ފައިސާގެ ރިޒާރވް އިތުރު ކުރުމަށް އެހީތެރިވުމަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް މި ހަފްތާ ތެރޭގައި ޗައިނާއިން ދޭނެ ކަމަށް ޕާކިސްތާނުގެ މާލީ ވަޒީރު އިސްހާގު ދާރު ވިދާޅުވެއްޖެއެވެ. ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ފޯރުކޮށްދޭ މި ކްރެޑިޓް ފެސިލިޓީގެ ސަބަބުން ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ގާތްގަނޑަކަށް %20 އިތުރުވާނެއެވެ.

ޗައިނާގެ ލޯނު އެހީ ލިބޭނެކަމަށް ބުނެފައި މި ވަނީ އިޤްތިޞާދީ ގޮތުން ހީނަރުވެފައިވާ ޕާކިސްތާނުގެ ޙާލަތު ރަނގަޅު ކުރުމަށް 6.5 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ފައިސާ ދޫކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއާއި އެކު އެއްބަސްވުމެއް ހަދަމުންދާ ދަނޑިވަޅެއްގައެވެ.

މި ޢަދަދު މި ހަފްތާގައި ސްޓޭޓް ބޭންކް އޮފް ޕާކިސްތާނަށް ލިބޭނެކަމަށް ބެލެވޭކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މި ލޯނަކީ ޗައިނާއިން މިހާރުވެސް ޕާކިސްތާނަށް ދީފައިވާ އެހެން ފެސިލިޓީތަކުގެ އިތުރުން ދޭ ލޯނެކެވެ.

މިކަމާއި ގުޅިގެން ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މިއިން ގަރުނެއްގައިވެސް އިޤްތިޞާދީ ޙާލަތު ދަށަށް ނުދާހާ މިންވަރަކަށް ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާއިރު، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާރވް ވަނީ ވޭތުވެދިޔަ 10 އަހަރުވެސް ދަށް ނުވާ މިންވަރަށް ދަށްވެފައެވެ. އަދި ރިޒާރވްގައި މިވަގުތު ހުރީ އެންމެ ތިން ހަފްތާއަށް ވާވަރުގެ ފައިސާއެވެ.

މީގެ އިތުރުން އައިއެމްއެފުން ޑިމާންޑްކުރާ މާލީ އެޑްޖަސްޓްމަންޓްތަކުގެ ސަބަބުން ދިހަވަރަކަށް އަހަރު ވަންދެން ޕާކިސްތާނުގެ އިންފްލޭޝަން އިތުރުވަމުންދާނެކަމަށް ލަފާކޮށްފައިވެއެވެ. ޕާކިސްތާނުން އެންމެ ބޮޑު ދަރަންޏެއް ނަގާފައިވަނީ ޗައިނާއިންނެވެ. ނަމަވެސް ޕާކިސްތާނުގެ ގިނަދުވަސްވެފައިވާ އެކުވެރި އެމެރިކާއިން ވަނީ ޗައިނާގެ މި ލޯނާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމާއިބެހޭ ގޮތުން އެމެރިކާއިން ވަނީ ޕާކިސްތާނާއި ވާހަކަވެސް ދައްކާފައެވެ.

އައިއެމްއެފުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޕާކިސްތާނުގެ ޖުމްލަ ބޭރު ދަރަނީގެ ގާތްގަނޑަކަށް %30 ޗައިނާއާއި، ޗައިނާގެ ވިޔަފާރި ބޭންކުތަކުގެ އަތުގައި އޮތެވެ. އެ ދަރަނީގެ ބޮޑު ބައެއް އައިސްފައިވަނީ ބެއިޖިންގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައެއް ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯގެ ދަށުންނެވެ.