ސާބިއާގެ ގިނަ ކުލަބްތަކާއި ޗައިނީސް ސުޕަ ލީގުގައި ކުޅެފައިވާ ސާބިއާގެ ފޯވާޑް ސްޓެފަން މިހައިލޮވިޗްގެ ސޮއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް ސީނިއާ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅެފައިވަނީ ސާބިއާގެ ގަދަ ބާރު ރެޑްސްޓާ ބެލްގްރޭޑަށެވެ.
މިހައިލޮވިޗް ވަނީ ސާބިއާގެ ގިނަ ކުލަބްތަކަށް ކުޅެފައެވެ. އޭނާ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ޗައިނާގެ ސުޕަ ލީގުގައި ކަންގްޒޯ މައިޓީ ލަޔަނަްސްއަށެވެ. މާޒިޔާއާ ގުޅުމުގެ ކުރިން އޭނާ ކުޅުނީ ސާބިއާގެ ސުޕަ ލީގުގެ ރަޑްނިކީ ނީސްއަށެވެ.
މި ސީޒަނަށް މާޒިޔާއިން ވަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަކޮށް ގިނަ ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އަދި އެ ކުލަބަކީ މި ސީޒަނަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ކުލަބެވެ.
މިހައިލޮވިޗަކީ މާޒިޔާ އިން ގެނައި ބިދޭސީ ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާ އިން ވަނީ ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ ސޮއި ވެސް ހޯދައިފައެވެ.
މި ފަހަރު މާޒިޔާއާ ގުޅުނު ދިވެހި ކުޅުންތެރިންނަށް ބަލާއިރު، ކުރިން އީގަލްސް އިން ފެނުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)، ވެލެންސިއާ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް، މުހައްމަދު ފައިސަލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ނިއު ރޭޑިއަންޓަށް ކުޅުނު އުންމީދީ ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ) ހިމެނެއެވެ.