ރާއްޖޭގައި ހެއްދިދާނެ ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ މުޑުވައްތައް، އަޖުމަ ބެލުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެގްރޯ ނެޓުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުނި އެގްރޯނެޓުން ދަނީ ދަނޑުވެރިކަން ކުރުމަށް އެ ކުންފުންޏަށް ދީފައިވާ ރަށްކަމުގައިވާ ލ.ގާދޫގައި ފުޅާ ދާއިރާއެއްގައި އާ ވައްތަރުގެ މުޑުވައްތައް އަޖުމަ ބެލުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމަށްޓަކައި އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ހެއްދިދާނެ ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ މުޑުވައްތައް، އަޖުމަބެލުމަށްޓަކައި އެގްރޯނެޓްގެ ދަނޑުވެރިން ގެންދަނީ ހައްދަމުންނެވެ. އެގޮތުން އެގްރޯނެޓުންދަނީ ގާދޫގައި މުޑުވައްތައް އަޖުމަ ބެލުމަށްފަހު ދަނޑުވެރިންނަށް އެތަކެތި ފޯރުކޮށްދެމުންނެވެ.
ދާދިފަހުން ވަނީ އައު ވަތްތަރެއްގެ މުޑުވައް ބޭނުންކޮށްގެން، ގދ. ހޯނޑެއްދޫގެ ދަނޑުވެރިއަކު ކަރާގެ ވައްތަރެއް ހައްދާފައެވެ. މިއީ ފޮނިރަހަ ގަދަ މީރު ކަރާގެ ވައްތަރެއްކަމަށް އެގްރޯނެޓުން ހާމަކުރެއެވެ.
ރާއްޖޭގައި ހެއްދިދާނެ ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ މުޑުވައްތައް، އަޖުމަބެލުމަށްޓަކައި އެގްރޯނެޓްގެ ދަނޑުވެރިން ގެންދަނީ އިންދާ ހައްދަމުންނެވެ. މިއީ ގދ. ހޯނޑެއްދޫގެ ދަނޑުވެރިއަކު ހައްދަމުން ގެންދާ ކަރާގެ ވައްތަރެކެވެ. މިއީ ފޮނިރަހަ ގަދަ މީރު ކަރާގެ ވައްތަރެކެވެ. pic.twitter.com/z3VxNub06H
— AgroNat (@agronationalmv) February 22, 2023
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ތަފާތު އެކި ވައްތަރުގެ މުޑުވައްތައް ރާއްޖެއަށް ގެންނަމުންދާ ކަމަށެވެ. އެގޮތުން މި މުޑުވައްތައް ރާއްޖެއަށް ގެންނަނީ އެކި ޤައުމުތަކުންނެވެ. އޭގެތެރޭގައި އިންޑިއާ އަދި ތައިލޭންޑު ފަދަ ޤައުމުތައް ހިމެނެއެވެ.
އެގްރޯނެޓުން މިހާރު ބޮޑަށް އިސްކަންދެނީ ފަޅޯ އަދި ކަރާގެ އާ ވަތްތަރުތަކެއް ރާއްޖޭގެ ބާޒާރަށް ނެރުމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ކުރިމަގުގައި މި ބާވަތްތައް ރާއްޖޭގެ ބާޒާރުން ފެނިގެން ދިޔުން ކަމަށްވެސް ހާރޫން ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންދާ ފަރާތްތަކާއެކު ކޮންޓްރެކްޓްތައް ޤާއިމްކޮށް އެފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.
އެއްބަސްވުން ޤާއިމްކޮށްފައިވާ ދަނޑުވެރިންނާއެކު އެގްރޯނެޓުން ދަނީ 17 ބާވަތެއް ހެއްދުމުގެ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ބާވަތަކީ ބަރަބޯ، ފަތްކެޔޮ، ބަށި، މެލަން، ފަޅޯ، ކަރާ، ބަޓަރ ނަޓްސް، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް، ކެޕްސިކަމް، ލެޓިއުސް، ކެބެޖް، ޗައިނީސް ކެބެޖް ހިމެނެއެވެ.