ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފަސް ސެޓު ކުޅެގެން މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު ބަލިވީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު މެލޭޝިއާ އިން ކާމިޔާބުކުރި ނަމަވެސް ރާއްޖޭން ޖެހިގެން އައި ދެ ސެޓު ކާމިޔާބުކުރިއެވެ. ނަމަވެސް އޭގެ ޖެހިގެން އައި ތިން ސެޓު އެ ޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކޮށްފައެވެ.
މެޗުގެ ސެޓުތައް ދިޔައީ 25-20، 22-25، 23-25، 25-21 އަދި 16-14 އިންނެވެ. ދިވެހި ޓީމުގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ފުރަތަމަ ސެޓުގައި މެލޭޝިއާއިން ލީޑަކާއެކު ކުޅުނު ނަމަވެސް އެއް ޕޮއިންޓަށް ފަރަގު ދެ ފަހަރެއްގެ މަތިން ކުޑަކުރިއެވެ. ރާއްޖެއިން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެލޭޝިއާ އިން ގިނަ ޕޮއިންޓުތަކެއް ހޯދާފައިވަނީ މެދުތެރެއިން އުފެއްދި ހަމަލާތަކުންނެވެ.
ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި ދިވެހި ޓީމުން ބޮޑުތަން ކުޅުން ރަނގަޅުކުރިއެވެ. މި ސެޓުވެސް ކުރީކޮޅު މެލޭޝިއާ އިން ލީޑު ނެގިއެވެ. މި ސެޓުވެސް މެލޭޝިއާ އިން ގެންދަން އުޅުނު ނަމަވެސް ރަނގަޅު ދަނޑިވަޅެއްގައި ނެގި ޓައިމް އައުޓަށްފަހު ދިވެހި ޓީމަށް މި ސެޓު ކާމިޔާބުކުރެވުނެވެ. މެޗުގެ ތިންވަނަ ސެޓު ރާއްޖޭން ލީޑުގައި އޮތް ނަމަވެސް ސެޓުގެ މެދުތެރެއިން ރާއްޖޭގެ ރިސީވް ދަށްވުމުގެ ފައިދާ މެލޭޝިއާ އިން ނެގިއެވެ. ނަމަވެސް ދިވެހި ޓީމު ކުރި ހިތްވަރުން އަނބުރާ ގޭމުގެ ތެރެއަށް ވަނެވެ.
ހަތަރުވަނަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ގޯސްތަކެއް ފެނުނެވެ. މެލޭޝިއާ އިން މި ސެޓު 25-21 އިން ކާމިޔާބުކުރުމާއެކު އިތުރު ސެޓަކަށް ދާން ޖެހުނެވެ. ފަހު ސެޓު ވާދަވެރި ކުޅުމަކަށްފަހު ދެ ޕޮއިންޓުގެ ތަފާތުން ކާމިޔާބުކުރީ މެލޭޝިއާއެވެ.
ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު 16:30 ގައި ބައްދަލުކުރާނީ ސިންގަޕޫރާއެވެ.