ދުނިޔޭގެ ވިޔަފާރި

ބައެއް ގައުމުތަކުގައި ނެޓްފްލިކްސްގެ އަގު ހެޔޮކޮށްފި


ސަބްސްކްރައިބަރުން އިތުރު ކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން 30 އަށް ވުރެ ގިނަ ގައުމުގައި ނެޓްފްލިކްސްގެ އަގު ހެޔޮކޮށްފިއެވެ.

އޭޝިއާ، ޔޫރަޕް، ލެޓިން އެމެރިކާ، ސަބް ސަހާރަން އެފްރިކާ އަދި މެދުއިރުމަތީގެ ބައެއް ހިސާބުތަކުގައި ނެޓްފްލިކްސްގެ އަގު ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ސަބްސްކްރިޕްޝަން ފީ ކުޑަކުރި ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ތައިލޭންޑް، ފިލިޕީންސް، ކްރޮއޭޝިއާ، ވެނެޒުއޭލާ، ކެންޔާ އަދި އިރާން ފަދަ ގައުމުތައް ހިމެނެއެވެ.

ނެޓްފްލިކްސްގެ އަގު ހެޔޮކޮށްފައި މިވަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުންދާތީ، އާންމުން ޚަރަދު ކުރުން މަދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ނެޓްފްލިކްސްއާ ވާދަވެރި ކުންފުނިތަކުގެ ވާދަވެރިކަންވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އަގުތައް ހެޔޮކޮށްފައި ވަނީ ވަކި ޕްލޭންތަކެއްގެ ދަށުންނެވެ. ބައެއް ހާލަތްތަކުގައި ސަބްސްކްރިޕްޝަންގެ އަގު ދެބައިކުޅަ އެއްބައި ދަށްވާނެއެވެ.

190 އަށް ވުރެ ގިނަ ގައުމުގައި ޚިދުމަތްދޭ ނެޓްފްލިކްސް އަށް ވަނީ އެމެޒޯން، އެޗްބީއޯ އަދި ޑިޒްނީ ފަދަ ސްޓްރީމިން ޕްލެޓްފޯމުތަކުގެ ވާދަވެރިކަން އިތުރުވެފައެވެ.

ނެޓްފްލިކްސް އިން މިދިޔަ އަހަރު ވަނީ އެތައް ސަތޭކަ ވަޒީފާއެއް މަދުކޮށްފައެވެ. ވާދަވެރިކަން އިތުރުވަމުން އަންނަ ސްޓްރީމިން މާކެޓުގައި ހިއްސާ ބޮޑުކުރުމަށް އިޝްތިހާރުތަކާއިއެކު އަގުހެޔޮ ސްޓްރީމިން އޮޕްޝަތަކެއްވެސް ނެޓްފްލިކްސް އިން މިދިޔަ އަހަރު ވަނީ ތައާރަފްކޮށްފައެވެ.

ނެޓްފްލިކްސް އިން ވަނީ މި މަހުގެ ކުރީކޮޅު އިތުރު ގައުމުތަކުގައި ޕާސްވޯޑް ހިއްސާކުރުމުގެ ލިމިޓް ތައާރަފްކޮށްފައެވެ. މިއީ ކަސްޓަމަރުންނާއި އެކު ދިރި ނޫޅޭ ރައްޓެހިންނާއި އާއިލާއިން ސަބްސްކްރިޕްޝަން ހިއްސާ ކުރަން ބޭނުންނަމަ އިތުރު ފީއެއް ދައްކަން ޖެހޭ ގޮތަށް އޮންނަ ލިމިޓެކެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހުގެ ފަހުކޮޅު ގިނަ ބަޔަކު ނެޓްފްލިކްސްގެ ޚިދުމަތް ބޭނުން ނުވުމުން ގާތްގަނޑަކަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލުނު ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު، ސަބްސްކްރައިބަރުންގެ އަދަދު އިތުވެފައިވާ ކަމަށް ޖެނުއަރީ މަހު ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.