ޚަބަރު

މިދިޔަ މަހު 52 މީހަކު ޖަލަށް، ގިނައީ މަސްތުވާތަކެތީގެ މީހުން


މިދިޔަ މަހު 52 މީހަކު ޖަލަށް ގެންގޮސްފައިވާ ކަމަށާއި މީގެތެރޭގައި ގިނައީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ. އެއިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި

ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 59 މީހަކު މިިދިޔަމަހުގެ ތެރޭގައިވަނީ ދޫކޮށްލާފައެވެ.

ކަރެކްޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖަލުން ދޫކޮށްލި 59 މީހުންގެ ތެރެއިން 24 މީހުންނަކީ އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލުން މިނިވަންވެފައިވާ މީހުންނެވެ. ދެން މިިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ ތެރެއިން 15 މީހަކު ދޫކޮށްލާފައިވަނީ ކޯޓުން އަމުރުކުރުމުންނެވެ. 16 މީހަކު ދޫކޮށްލާފައިވަނީ ކްލެމެންސީގެ ބޯޑުގެ ނިންމުމަށެވެ. އަދި 3 މީހަކު ޖަލުން ދޫކޮށްލާފައިވަނީ ޕެރޯލްގެ ދަށުންނެވެ.

މިިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ އަދަދު 59 އަރާއިރު އެ މުއްދަތުގައި ޖަލަށް 52 މީހުން ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ޖަލަށް ހުކުމްކުރި 43 މީހަކާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 19 މީހެކެވެ.

މިއަހަރު މިހާތަނަށް ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ. އެގޮތުން މިދިޔަ މަހު ޖަލަށްލީ މީހުންގެ %55.8 އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ހުކުމްކުރި މީހުންނެވެ. ދެން އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ. މި ބާވަތުގެ ކުށްކޮށްގެން ޖަލަށް ހުކުމްކުރި މީހުންގެ އަދަދަކީ %16.3އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ %4.7އެވެ. މާރާމާރީގެ މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ %4.7 އެވެ. އަދި ވައްކަން ކުރިކަމުގެ ތުހުމަތުގައި %7 މީހުންވެސް އަލަށް ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެއެވެ.

ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި މާފުށީ ޖަލުން 2 ފޯނާއި މާލޭ ޖަލުން 5 ފޯނާއި، ހިންމަފުށީ އައްސޭރި ޖަލުން 6 ފޯނު ވަނީ އަތުލައިގެންފައެވެ. މީގެ އިތުރަށް މާފުއްޓާއި އައްސޭރި ޖަލުން ވަނީ 1 ސިމް މާލޭ ޖަލުން 4 ސިމް ކާޑް ވަނީ އަތުލައިގަނެފައެވެ. އަދި ޖަލަށް ވެއްދުން މަނާ އެހެނިހެން ތަކެތީގެ ގޮތުގައި މާލެ ޖަލުން، 6 އެއްޗެއް އަތުލައި ގަނެފައިވާފަކަމަށްވެސް ކަރެކްޝަނުން ހާމަކުރެއެވެ.

ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކަށް ގުޅާދިނުމަށް 1900އަށްވުރެ ގިނަ ފޯންކޯލް ވަނީ ނަގާދީފައެވެ. މިގޮތުން މާފުށީ ޖަލުން 1364 ކޯލެއް، މާލޭ ޖަލުން 350 ކޯލެއް، ހުޅުމާލޭ ޖަލުން 125 ކޯލެއް އަދި އައްސޭރި ޖަލުން 160 ފޯން ކޯލެއް ޤައިދީންނަށްވަނީ ގުޅާދީފައެވެ. އަދި ވީޑިއޯ ކޯލްގެ ގޮތުގައި 277 ކޯލެއް ވަނީ ކޮށްދީފައެވެ.