ކުޅިވަރު

ހުވަދޫ ކަނޑު ހުރަސްކޮށް ޑެމިއަން ރައިޑާ ގދ. ވާދޫއަށް


އަށް ދުވަސް ތެރޭގައި ފަލިޖަހައިގެން ރާއްޖޭގެ އަށް އަތޮޅު ހުރަސްކޮށް، އީކުއޭޓަރަށް ކުރާ ފުރަތަމަ ދަތުރުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ ކުރަމުންދާ ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ގދ. ވާދޫއަށް ދިއުމުން އެ ރަށުންވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑު ކަމަށްވާ ހުވަދޫ ކަނޑު ހުރަސްކޮށް އެންމެ ފުރަތަމަ ދިޔައީ ގއ. ކޮލަމާފުއްޓަށެވެ. އެ ރަށަށްފަހު އޭނާ ވާދޫއަށް އައީ އެއް ދުވަސްތެރޭގައެވެ. ވާދޫއަށްފަހު ދެން އޭނާ ދަތުރުކުރާނީ އީކުއޭޓާ ހުރަސްކޮށް ދުނިޔޭގެ ރެކޯޑު ހެދުމަށެވެ. އެއަށްފަހު އަނެއްކާވެސް ވާދޫއަށް އަންނާނެއެވެ.

ވޯލްޑް ރެކޯޑެއް ގާއިމްކުރުމުގެ ގޮތުން އޭނާ މި ދަތުރު ކުރަނީ ހަމައެކަނި ފަލި ޖަހައިގެންނެވެ. މި ދަތުރުގައި ބޭނުންކުރަނީ ސީދާ މި ކަމަކަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.

ރާއްޖޭގައި ޑެމިއަން ފެށި މި ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އޭނާ މި ދަތުރު ނިންމާލާނީ މި މަހު 24ވަނަ ދުވަހެވެ. ނިމޭއިރު ހުންނާނީ ޒީރޯ ޑިގްރީގައެވެ. އެއީ އީކުއޭޓަރ އެވެ.

މި ދަތުރު އޭނާ ފެށީ މިދިޔަ ހަފުތާގެ ހުކުރުދުވަހު ހުޅުމާލެއިންނެވެ. ޖުމްލަ ހަތް ރަށެއްގައި އޭނާ މަޑުކޮށްފައިވެއެވެ. އެއީ ކ.މާފުށި، ވ. ރަކީދޫ، މ. ކޮޅުފުށި، ތ. ގުރައިދޫ، ލ.ފޮނަދޫ، އަދި ކޮންމެ ރަށަކުންވެސް އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.