ކުޅިވަރު

އޭސީސީ ޗެލެންޖާސް ކަޕް: އީރާން ބަލިކޮށް ރާއްޖެއަށް ރަނގަޅު ފެށުމެއް


ތައިލެންޑްގައި މިހާރު ކުރިޔަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އީރާން އަތުން މޮޅުވެ ފެށުން ރަނގަޅުކޮށްފިއެވެ.

އީރާނާއި ވާދަކޮށް ރާއްޖެއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 27 ލަނޑުންނެވެ. އަށް ގައުމަކުން ވާދަކުރާ މި މުބާރާތް ކުރިޔަށްދަނީ 50 އޯވަރުގެ ފޯމެޓަކަށެވެ. މިއީ ގިނަ އަހަރުތަކަކަށް ފަހު މި ފޯމެޓުގައި ރާއްޖެ ކުޅޭ ފުރަތަމަ ފަހަރެވެ.

ތައިލޭންޑުގެ ޓެރްދްތާއީ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވެގެން ރާއްޖެއިން ނިންމީ ބެޓު ކުރާށެވެ. ރާއްޖެއިން ކުޅެން އަރާ 31.2 އޯވަރުގެ ތެރޭގައި ވަނީ 157 ލަނޑު ވަނީ ހަދާފައެވެ. ރާއްޖެއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ބޯޅައިން 58 ލަނޑު ހެދި ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.

ޖަވާބުގައި އިރާނުން ކުޅެން އަރައި، 42.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. މި އިނިންގްސްގައި އެންމެ ފާހަގަކޮށްލެވެނީ އާދަމް ނާސިފް އުމަރު އަދި ހަސަން އިބްރާހީމެވެ. މި ދެ ބޯލަރުން ވަނީ ހަތަރު ވިކެޓު ކޮންމެ ކުޅުންތެރިއަކު ނަގާފައެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ އިރާނާއި ބޫޓާންގެ އިތުރުން ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ބަހްރޭނުން ވަނީ ހަތް ވިކެޓުން ބޫޓާން ބަލިކޮށްފައެވެ. ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާއެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެ އެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ. މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.