ކުޅިވަރު

ތިން ސެޓުން ސިންގަޕޫރު ބަލިކޮށް ފިރިހެން ވޮލީ ޓީމަށް ބޮޑު ހިތްވަރެއް


ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މެޗުގައި ގައުމީ ޓީމުން ސެޓުތައް ގެންދިޔައީ 26-24، 25-20 އަދި 25-21 އިންނެވެ. ސިންގަޕޫރު އަތުން ހޯދި މި މޮޅާއެކު ލީގު ބުރުގެ އެއްވަނައަށް ދިޔުމުގެ ފުރުސަތު ރާއްޖެ މި ވަނީ ހޯދާފައެވެ.

ފިރިހެން ވޮލީ ޓީމުން ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއެވެ. އެ މެޗުން ރާއްޖެ ޖެހޭނީ ފަސް ސެޓަށް ނުގޮސް އަފްގާނިސްތާން ބަލިކުރާށެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ހަވާލުވި ފަހުން ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ސެޓު ސިންގަޕޫރުން ވަރުގަދަކޮށް ފެށި ނަމަވެސް ދިވެހި ޓީމުން ވަނީ ހިތްވަރުކޮށް އެ ޓީމުގެ މައްޗަށް ކުރިހޯދާ މި ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ފަށައިގެން ވާދަވެރިކޮށް ދިޔަ ނަމަވެސް ރާއްޖެ އިން ވަނީ އެޓޭކް ވަރުގަދަކޮށް ލީޑު ނަގައި އެ ލީޑު ފުޅާކޮށްފައެވެ. ރާއްޖެއިން ތިންވަނަ ސެޓު ކުޅުނީ ވަރަށް ރަނގަޅަށެވެ. މި ސެޓު ފަށައިގެން ދިވެހި ޓީމުން ރަނގަޅު ލީޑެއްގައި އޮތެވެ. އަދި ސިންގަޕޫރަށް އޭގެ އުނދަގޫ ކުރިމަތިވިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލާމް އެވެ. އޭނާ ވަނީ ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އާއި ދެކޮޅަށްވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރޭ މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 3-1 އިންނެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.