ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަފްޣާނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވުމާއެކު މުބާރާތުގެ ސެމީ ފައިނަލުގައި މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހިއްޖެއެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވުމާއެކު ރާއްޖެއަށް ލިބުނީ ލީގު ބުރުގެ ދެވަނަ މަޤާމެވެ. ލީގު ބުރުން އެއްވަނަ ހޯދާފައިވަނީ އަފްގާނިސްތާނެވެ. އެއީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެ ޓީމު ސެމީފައިނަލުގައި ބައްދަލުކުރާނީ ސިންގަޕޫރާއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗުގެ ސެޓުތައް އަފްގާނިސްތާނުން ގެންދިޔައީ 24-26، 21-25 އަދި 22-25 އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމު ކުޅުނީ ބޮޑުބައި ލީޑުގައި އޮވެގެންނެވެ. ނަމަވެސް މި ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުގެ ސަބަބުން އަފްގާނިސްތާނު ވަނީ އޭގެ ފައިދާ ނަގާ، ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދިވެހި ޓީމުން ތިން ޕޮއިންޓުގެ ލީޑެއް ނެގިއެވެ. ނަމަވެސް ސެޓުގެ މެދުތެރޭ އަފްގާނިސްތާނުން އަނެއްކާވެސް އަރާ ހަމަކުރިއެވެ. މި ސެޓުގައި ވެސް ފަހުކޮޅު ހެދުނު ގޯސްތަކުން އަފްގާނިސްތާނަށް ކުރި ލިބުނެވެ.
ރާއްޖޭން ތިންވަނަ ސެޓުގައި ގިނަ ކުޅުންތެރިންތަކެއްގެ ބޭނުންކުރި އެވެ. ހާއްސަކޮށް ކުރީ މެޗުތަކުން ނުފެންނަ ބައެއް ކުޅުންތެރިންނަށް ފުރުސަތު ދިން އިރު އެންމެ ފާހަގަކޮށްލެވެނީ ރިން ގައުމީ ޓީމުގެ ލިބަރޯއަކަށް ކުޅުނު އަލީ ޖަވާމް މި މެޗުގައި ކުޅުމެވެ. އޭނާ މި މެޗުގައި ކުޅުނީ އެޓޭކަރެއްގެ ދައުރެވެ. ހަތަރުވަނަ ސެޓުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ އަފްގާނިސްތާނުންނެވެ.