ކުޅިވަރު

އަތޮޅު ޗެމްޕިއަންކަން ކ. ދިއްފުށި، ބ. އޭދަފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ސ. ފޭދޫއަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ޗެމްޕިއަންކަން ކ. ދިއްފުށި، ބ. އޭދަފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި. ސ. ފޭދޫން ހޯދައިފިއެވެ.

މުބާރާތުގެ ކ.އަތޮޅުގެ ޗެމްޕިއަންކަން ދިއްފުށި ހޯދީ އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށްވާ ގާފަރު 4-3 އިން ބަލިކޮށްގެންނެވެ. ފެހެންދޫ އަތުން އޭދަފުށި މޮޅުވީ ލަނޑެއް ޖަހާފައިވަނިކޮށް ފަަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ. އަދި ދިއްގަރު މޮޅުވީ ނާލާފުށި އަތުން 1-0 އިންނެވެ.

މީގެއިތުރުން ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދީ ދ. އަތޮޅު ފައިނަލުގައި މާއެނބޫދޫ އަތުން 3-2 އިން މޮޅުވެގެންނެވެ. އަދި ފޭދޫ މޮޅުވީ ސ. އަތޮޅު ޗެމްޕިއަންކަން ފޭދޫ ހޯދީ ފައިނަލްގައި މަރަދޫފޭދޫ 2-1 އިން ބަލިކޮށްގެންނެވެ.

ކ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ގާފަރު އަތުން ދިއްފުށި މޮޅުވި މެޗުގައި ދިއްފުށީގެ ފުރަތަމަ ލަނޑާއި ފަހު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް އެ އަތޮޅުން ހޮވުނު އަހުމަދު މާޒިން އެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ލްވާން ރަޝީދު އާއި ޝައިހާން ފާއިޒެވެ. ގާފަރުގެ ގޯލުތައް ޖެހީ އަލީ މާއިސް (މައްޓު) ދެ ގޯލާއި އިބްރާހިމް ރިމާހު (ރިމޭ) އެވެ.

ފެހެންދޫގެ މުހައްމަދު ރީހާން ލަނޑު ޖަހާފައިވަނިކޮށް އޭދަފުށްޓަށް އެއްވަރުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭދަފުށި މޮޅުކޮށްދިން ގޯލު ޖެހީ ސައްޓު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. ދިއްގަރު ޗެމްޕިއަންކަން ހޯދި ލަނޑު ކާމިޔާބުކޮށްދިނީ އަލީ މާޖިދެވެ.

ކުޑަހުވަދޫން ވަނީ ދ. އަތޮޅު ފައިނަލުގައި ފަހަތުން އަރައި މާއެނބޫދޫގެ މައްޗަށް ކުރިހޯދައިފަ އެެވެ. ކުޑަހުވަދޫގެ ގޯލުތައް ޖެހީ ކެޕްޓަން، ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން ރަޝީދު އަދި އިރުފާން އާދަމް ނަސީރު އެވެ. މާއެނބޫދޫގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން އަހުމަދު މަހްދޫމް އެވެ. މަރަދޫފޭދޫ އަތުން މޮޅުވި މެޗުގައި އިބްރާހިމް ސައިފް ގޯލު ޖަހާފައިވަނިކޮށް، ފޭދޫން ނަތީޖާ އަނބުރާލީ އަލީ ނާފިއު (ކަޅޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ.