ކުޅިވަރު

ބޯންމަތު ބަލިކޮށް ސިޓީ އާސެނަލާ ދެ ޕޮއިންޓް ގާތަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމަތް އަތުން ހޯދި މޮޅާއެކު އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން އެއްވަނައިގައި އޮތް އާސެނަލް އާއި ދެ ޕޮއިންޓާ ގާތަށް ޖެހިލައިފިއެވެ.

ބޯންމޯތުގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ.

މި މެޗްގައި ސިޓީން ވަނީ މެޗް ފެށުމާއެކު މެޗްގެ ކޮންޓްރޯލް އަތުލާ ބޯންމޯތުގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މިގޮތުން މެޗްގެ 15 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ސިޓީން ވަނީ މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހޫލިއަން އަލްވަރޭޒްއެެވެ. މެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހާދިނީ އަރލިންގ ހާލަންޑްއެވެ.

މިއީ އޭނާ މިފަހަރުގެ ލީގުގައި ކާމިޔާބުކުރި 27 ވަނަ ލަނޑެވެ. މިއާއެކު ހާލަންޑް މިވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ސިޓީގެ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. މީގެކުރިން މިރިކޯޑް އޮތީ އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އާޖެންޓީނާގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ އަތުގައެވެ. އެއީ އޭނާ 2014-2015 ވަނަ ސީޒަންގައި ކާމިޔާބުކުރި 26 ލަނޑާއެކުއެވެ.

މެޗްގައި ސިޓީގެ ތިންވަނަ ލަނޑު ބޯންމޯތުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗްގެ 45 ވަނަ މިނެޓްގައި ޖަހާދިނީ ފިލް ފޯޑެންއެވެ. އަދި އެޓީމްގެ ފަހު ލަނޑަކީ މެޗްގެ 51 ވަނަ މިނެޓްގައި ކްރިސް މެފާމްއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ބޯންމޯތުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ޖެފަސަން ލަރމާއެވެ.

މި ކާމިޔާބީއާއެކު ސިޓީން މިހާރުވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓްގައި ދަމަހައްޓާފައެވެ. އަދި ބޯންމޯތު އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.