ޤަތަރު އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ހޯދައިފިއެވެ.
ދޯހާގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދީ ފައިނަލްގައި އިނގިރޭސިވިލާތުގެ އެންޑީ މަރީ އާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެެވެ.
ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މިއީ ހަފްތާއެއްގެ ތެރޭގައި މެޑްވެޑޭވް ކާމިޔާބުކުރި ދެވަނަ ތައްޓެެވެ. އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު ނިމުނު ރޮޓަރޑަމް އޯޕަންވެސް ކާމިޔާބުކޮށްފައެވެ.
މެޗްގެ ފުރަތަމަ ސެޓްގައި މެޑްވެޑޭވްވަނީ މެޗްގެ ކުރީކޮޅު ދެފަހަރު މަތިން ބްރޭކް ކޮށް ހަތަރެއް އެކެއްގެ ލީޑެއް ނަގާފައެވެ. މަރީ އަރާ ހަމަކުރެވޭތޯ ކުރި މަސައްކަތުން އެއްފަހަރު ބްރޭކް ކުރި ނަމަވެސް މެޑްވެޑޭވްވަނީ އިތުރު އުނދަގޔލަކަ ނުލާ ފުރަތަމަ ސެޓް އެގޮތުގައި ކުރިއަށް ގެންގޮސް ނިންމާލާފައެވެ. ދެވަނަ ސެޓްގެ ކުރީކޮޅުވެސް މެޑްވެޑޭވް ބްރޭކް ކޮށް ލީޑު ނެގި ނަމަވެސް މަރީ ވަނީ ފަހަތުން އަރާ ތިނެއް ތިނަކުން އެއްވަރު ކޮށްފައެވެ.
މާގިނައިރު އަންފޯސްޑް އެރަރ ހެދުމުގެ ސަބަބުން އަނެއްކާވެސް މެޑްވެޑޭވް ބްރޭކްކޮށް މެޗް ކާމިޔާބުކުރިއެވެ. މިމެޗަށް މަރީ ނުކުމެފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭޓީޕީ ޓުއަރގެ މުބާރާތެެއްގެ ތަށި ކާމިޔާބުކުރުމުގެ އުންމީދާއެކުއެވެ.
މެޗަށްފަހު ވާހަކަދައްކަމުން މަރީ ހާމަކުރިގޮތުގައި މެޑްވެޑޭވްއަކީ ވަރަށް މޮޅު ކުޅުންތެރިއެެއް ކަމަށާއި އޭޓީޕީ ޓުއަރގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ކުޅުން ބަލާހިތްވާ ކުޅުންތެރިޔަކީ އެއީ ކަމަށެވެ. އަދި އެންމެ ބޭނުންވި ގޮތަށް ނަތީޖާ ނުނެރެވުނު ނަމަވެސް މިހަފްތާގެ ތެރޭގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. މިއީ މެޑްވެޑޭވްގެ ކެރިއަރުގައި ކާމިޔާބުކުރި 17 ވަނަ މުބާރާތެވެ.