ކުޅިވަރު

ލެސްޓާ އަތުން އާސެނަލަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި އެޓީމަށް ލިބިފައިވި ދެ ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑްވަނީ މެޗްގެ ފުރަތަމަ ހާފްގައި ލެސްޓަރގެ ގޯލަށް ބޯޅަ ވައްދާލާފައެވެ.

މީގެއިތުރުން ރެފްރީ ވަނީ އެންމެ ފުރަތަމަ އެއީ ލަނޑެއް ކަމަށްވެސް ނިންމާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެހަމަލާ އުފެއްދުމުގެ ތެރޭގައި އާސެނަލްގެ ބެން ވައިތް ލެސްޓަރގެ ކީޕަރ ޑެނީ ވާރޑްއަށް ހުރަސް އެޅާފައިވާކަމަށް ފެނިފައެވެ.

މީގެއިތުރުން މިހާފުގައި އާސެނަލްއިން ވަނީ އެޓީމަށް ޕެނަލްޓީއެއް ލިބެން ޖެހޭކަމަށްވެސް ދައުވާކޮށްފައެވެ. ނަމަވެސް ރެފްރީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިމެޗްގައި އާސެނަލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެެވެ. މިއީ އޭނާ މިސީޒަންގައި އާސެނަލްއަށް ކާމިޔާބުކޮށްދިން 9 ވަނަ ލަނޑެވެ. މީގެއިތުރުންވެސް އާސެނަލްއަށް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.

މި ކާމިޔާބީއާއެކު އާސެނަލްއަށް މިހާރު ވަނީ ކުޅުނު 24 މެޗުން 57 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެފައިވުމުގެ އިތުރުން ސިޓީ އާއި ދެމެދުގައި ދެ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އަދި އަންނަ އަންގާރަ ދުވަހު އެވަޓަންއާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗާއެކު މި ލީޑު ފަސް ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު އާސެނަލްއަށް އަނެއްކާވެސް ލިބިގެންދާނެއެވެ.