ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްްރިޑާއި ވާދަވެރި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް އެއްވަރުވެ ލީގު ކާމިޔާބު ކުރުމަށް ރެއާލްއިން ކުރަމުންދާ މަސައްކަތަށް އިތުރު ހިޔަައްޏެއް އެޅިއްޖެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއްނުވެއެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ރެއާލް ކުޅުނު ނަމަވެސް މާރަނގަޅު ހަމަލާއެއް އުފެއްދޭގޮތެއްނުވިއެވެ. މިމެޗް ފޯރިގަދަވެގެންދިޔައީ މެޗްގެ 64 ވަނަ މިނެޓްގައި އެޓްލެޓިކޯގެ ބަދަލު ކުޅުންތެރިޔާ ރެއާލްގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގަރއަށް އުޅަނބޮށިން ހަމަލާ ދިނުމާއެކު އޭނާއަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. އެއް ކުޅުން ތެރިއެއް މަދުން ކުޅެމުން ދިއުމާއެކުވެސް މިމެޗްގެ ލީޑު މެޗްގެ 78 ވަނަ މިނެޓްގައި ނަގާފައިވަނީ އެޓްލެޓިކޯއިންނެވެ.
މި ލަނޑާއެކު 2016 ވަނަ އަހަރަށް ފަހު ރެއާލްގެ ދަނޑުގައި ކުޅެ އެޓްލެޓިކޯއަށް މެޗަކުން މޮޅުވެވިދާނެކަމަށް ހީވެގެންދިޔަ އެވެ. ނަމަވެސް ރެއާލްގެ ޒުވާން ކުޅުންތެރިޔާ އަލްވާރޯ ރޮޑްރިގޭޒްވަނީ މެޗްގެ 85 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑާއެކު ރޮޑްރިގޭޒްވަނީ 21 ވަނަ ގަރުނުގައި މެޑްރިޑް ޑަރބީގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
މިމެޗް އެއްވަރުވުމުން ރެއާލް މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ 2 ވަނައިގައެވެ. އަދި އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ދެމެދު ހަތް ޕޮއިންޓްގެ ތަފާތު ހުރި އިރު މިރޭ ބާސާ ކުޅޭމެޗުން މޮޅުވެއްޖެނަމަ މިފަރަގު 10 ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެޓްލެޓިކޯ އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.