ކުޅިވަރު

އެމްޕޯލީ ބަލިކޮށް ނާޕޮލީއަށް 18 ޕޮއިންޓުގެ ލީޑެއް


އިޓާލިއަން ސެރީއާގައި ނަޕޯލީ އާއި އެމްޕޯލީ ބައްދަލުކުރި މެޗް ކާމިޔާބުކޮށް ނާޕޮލީން 18 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެމްޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް ނަޕޯލީ ކާމިޔާބުކުރި 2-0 އިންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނާޕޮލީންނެވެ. މިމެޗްގައި ނާޕޮލީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗްގެ 17 ވަނަ މިނެޓްގައި އެމްޕޯލީގެ އަރޑިއަން އިސްމައިލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗްގައި ނަޕޯލީގެ ދެވަނަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާދިނީ ވިކްޓަރ އޮސިމްހެންއެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. މިމެޗްގެ 67 ވަނަ މިނެޓްގައި ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ނަޕޯލީގެ މާރިއޯ ރުއި އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މިއާއެކު މެޗްގެ ބާކީ ބައި ނަޕޯލީ ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މި ކާމިޔާބީއާއެކު ނާޕޮލީއަށްވަނީ ކުޅުނު 24 މެޗުން 65 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ އިންޓަރ މިލާނާއި ދެމެދު 18 ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. ނަމަވެސް މިރޭ ބޮލޯނިއާ އާއި ދެކޮޅަށް އިންޓަރ ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ މިފަރަގު 15 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.