ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިިރިހެން ޑިވިޝަނުގެ ފައިނަލަށް މެލޭޝިއާ ދަތުރުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގެ ސެޓުތައް މެލޭޝިއާ އިން ގެންދިޔައީ 25-14، 25-18 އަދި 25-23 އިންނެވެ. މުބާރާތުގެ ފައިނަލުގައި ހޯމަދުވަހުގެ ހަވީރު މެލޭޝިއާ ބައްދަލުކުރާނީ ސެމީގައި އަފްގާނިސްތާން ބަލިކުރި ސިންގަޕޫރާ ދެކޮޅަށެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗުގައި މެލޭޝިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި ރާއްޖޭގެ ފަރާތުން ވަނީ މި މެޗުގެ ތިންވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސެޓުގެ މެދުތެރެއިން ދިވެހި ޓީމު ލީޑުވެސް ނެގިއެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވެސް ދިވެހި ޓީމުން ހިތްވަރުކުރި އެވެ. ނަމަވެސް މެލޭޝިއާ އިން ދިޔައީ ލިބުނު ބޯޅަތަކުގައި އަވަސް ކުޅުމެއް ދައްކާ ދިވެހި ޓީމުގެ މައްޗަށް ކުރިހޯދާފައެވެ. މި މުބާރާތުގައި ދިވެހި ޓީމުން ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ހުސެއިން ރައްޒާން ވަނީ މި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރީ މެލޭޝިއާ އާއެވެ. އެ މެޗު މެލޭޝިއާ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މުބާރާތުގައި މެލޭޝިއާގެ ޓީމުގައި ގިނައިން ތިބީ އެ ގައުމުގެ 21 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނެވެ. މި މުބާރާތަށްފަހު އެ ޤައުމުން ތައްޔާރުވަނީ ޒުވާން ޓީމަކާއެކު ސީ ގޭމްސްގައި ވާދަކުރުމަށެވެ.