ކުޅިވަރު

އޭސީސީ ޗެލެންޖާސް ކަޕް: ބަހްރެއިން އަތުން ރާއްޖެ ބަލިވީ 292 ލަނޑުން


ތައިލެންޑުގައި މިހާރު ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ބަހްރެއިނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ތައިލެންޑުގެ އޭއައިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަހްރޭން ކާމިޔާބުކޮށްފައިވަނީ 292 ލަނޑުންނެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުގައި އީރާން 27 ލަނޑުން ބަލިކޮށްފައެވެ. މި ގްރޫޕުގައި ރާއްޖެ ދެން ބައްދަލުކުރާނީ ބޫޓާނާއެވެ.

ބަހްރޭނާއި ދެކޮޅަށް ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ނިންމީ ހޮވުމަށެވެ. ބަހުރޭނުން ވަނީ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 380 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 31.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ވަނީ ނުބައިވެފައެވެ. މި މެޗުގައި ރާއްޖެއަށް ހެދުނީ 31.3 ލަނޑެވެ.

މެޗުގައި ރާއްޖޭގެ މުހައްމަދު މަހުފޫޒް 41 ބޯޅައިން 35 ލަނޑު ހެދިއިރު ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) ވަނީ 12 ލަނޑު ހަދާފައެވެ. މި މެޗުން ބަލިވި ނަމަވެސް ބޫޓާން އަތުން މޮޅުވެގެން ރާއްޖެއަށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ބޫޓާން ވަނީ އީރާނާއި ބަހްރޭން އަތުން ބަލިވެފައެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މި ދެ ގްރޫޕުންވެސް އެންމެ ގަދަ ދެ ޓީމު ސެމީފައިނަލަށް ދަތުރުކުރާނެއެވެ. ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ.