ސީދާ ތިން ސެޓުން ސިންގަޕޫރު ބަލިކޮށް ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެލޭޝިއާއިން ހޯދައިފިއެވެ.
ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކުރި، މެލޭޝިއާއިން މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އަފްޣާނިސްތާން އަތުން އެކަންޏެވެ. އަނެއްކޮޅުން ސިންގަޕޫރުން ފައިނަލަށް އައީ ސެމީ ފައިނަލުގައި ލީގު ބުރުގެ އެއްވަނަ އަފްޣާނިސްތާން ކަޓުވާލުމަށްފަހުގައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޯމަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގެ ސެޓުތައް މެލޭޝިއާއިން ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން މެލޭޝިއާ އާދައިގެކޮށް ފެނުނުއިރު، މި ސެޓުގެ ކުރީކޮޅު ސިންގަޕޫރުން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެކަމަކު ސެޓުގެ ތެރެއަށް މަޑުމަޑުން ވަދެ މެލޭޝިއާއިން ވަނީ ސެޓުގެ ވަކި ހިސާބަކުން އެ ޓީމު ކޮޅަށް ލީޑު އަނބުރާލާފައެވެ. މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-20 އިންނެވެ.
ދެވަނަ ސެޓު ފަށައިގެންވެސް ސިންގަޕޫރު ޓީމު ފެނުނީ ވަރުގަދަކޮށެވެ. އަދި ސެޓުގެ ފަހުކޮޅާ ހަމައަށްވެސް ލީޑުކޮށްގެން ކުޅުނީ ސިންގަޕޫރުންނެވެ. އެކަމަކު މެލޭޝިއާއިން ވަނީ ސެޓުގެ ކުރީކޮޅު އަދި ސެޓުގެ މެދުތެރެއިންވެސް އެއްވަރުކޮށްފައެވެ. މި ސެޓުގައި ސިންގަޕޫރަށް މައްސަލައާ ދިމާވީ އެ ޓީމުގެ އެއް އެޓޭކަރު ޖޯޑަން ރަޔާން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ ފަހު ވަގުތު ހޯދި ލީޑާއެކު 25-23 އިންނެވެ.
މި މެޗުގެ ތިންވަނަ ސެޓުގައި ސިންގަޕޫރުގެ ފޯމު ގެއްލި ފުލުފުލުގައި ގޯސް ހެދުނެވެ. ނަތީޖާއަކަށްވީ މެލޭޝިއާއިން ސެޓު ފަށައިގެން ބޮޑު ލީޑެއްގައި އޮވެ ސެޓު ނިންމާލުމެވެ. މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-16 އިންނެވެ.