ކުޅިވަރު

ފަސް ސެޓު ކުޅެގެން ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ސިންގަޕޫރަށް


ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ފަސް ސެޓު ކުޅެގެން ރާއްޖެ އަތުން ހޯދި އުނދަގޫ މޮޅާއެކު ސިންގަޕޫރުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗުގައި ސިންގަޕޫރު ދެ ސެޓު ހޯދާފައިވަނިކޮށް ރާއްޖޭން ވަނީ ޖެހިގެން އޮތް ދެ ސެޓު ކާމިޔާބުކޮށްފައެވެ. ފަސްވަނަ ސެޓުން ރާއްޖެ ބަލިވީ ފަހުކޮޅު ގެއްލުނު ޕޮއިންޓުތަކާއެކު އެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅަށް ފެށިއެވެ. ވަކި ހިސާބަކުން ސިންގަޕޫރު ހަމަހަމަކޮށް ފަހަތުން އަރާ ކުރިހޯދިއެވެ. މި ސެޓު ސިންގަޕޫރުން ކާމިޔާބުކޮށްފައިވަނީ 25-18 އިންނެވެ. ދެވަނަ ސެޓު ފަށައިގެން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓުގެ ބޮޑުބައި ރާއްޖެ ލީޑުގައި އޮތެވެ. މި ސެޓު ގެއްލުނީ އޭގެފަހުން ދިވެހި ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. ދެވަނަ ސެޓު ސިންގަޕޫރު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ.

ތިންވަނަ ސެޓު ސިންގަޕޫރުން ވަރުގަދަކޮށް ފެށިއިރު، މި ސެޓުގެ ކުރީކޮޅު އެ ޓީމުން ހަތް ޕޮއިންޓުގތެ ލީޑެއް ނެގިއެވެ. ނަމަވެސް ދިވެހި ޓީމުން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފާ، ދިވެހި ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ރާއްޖެއިން ތިންވަނަ ސެޓު ކާމިޔާބުކުރީ 19-25 އިންނެވެ. ހަތަރުވަނަ ސެޓުގެ ފެށުން ރާއްޖެއަށް ގޯސްކޮށް ދިޔަ ނަމަވެސް މި ސެޓުގެ ފަހުކޮޅު ކުރި ހިތްވަރާއެކު ސެޓު ނިންމާލީ 25-19 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓުގައި ދެ ޓީމުންވެސް ދާދި ހަމަހަމަކޮށް ފެށިއިރު، ސިންގަޕޫރުން ވަނީ ؛ލިބުނު ކޮންމެ ބޯޅަައެއްގައި ރާއްޖެއަށް ނުރައްކާކޮށްފައެވެ. އަދި ދިވެހި ޓީމަށް ގިނަ ގޯސްތަކެއް ހެދުނެވެ. ނަތީޖާއަކަށްވީ މި ސެޓު 15-11 އިން ސިންގަޕޫރު ކާމިޔާބުކުރުމެވެ.