ދުނިޔޭގެ ވިޔަފާރި

ވޯލްޑް ބޭންކު ގްރޫޕް އައިއެފްސީން ލަންކާއަށް އެހީވަނީ


ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ލަންކާއަށް ފައިސާގެ އެހީތެރިކަން ދިނުމުގެ ގޮތުން 400 މިލިއަން އެމެރިކާ ޑޮލަރުގެ ކްރޮސް ކަރަންސީ ސްވޮޕް ފެސިލިޓީއެއް ފޯރުކޮށްދޭނެ ކަމަށް ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރު، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެފްސީން ބުނެފިއެވެ.

އައިއެފްސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފެސިލިޓީގެ އެހީގައި ކާބޯތަކެއްޗާއި ބޭހާއި ގަސްކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި އިމްޕޯޓް ކުރެވޭނެއެވެ. މިފެސިލިޓީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ތިން ބޭންކަކަށެވެ. މިބޭންކުތަކަކީ މިހާރުވެސް އެޤައުމުގެ އިޤްތިސާދުގައި ދައުރުވާ ބޭރު ފައިސާގެ %30 މުޢާމަލާތްކުރާ 3 ކުންފުނި ކަމަށް އައިއެފްސީންވަނީ ހާމަކޮށްފައެވެ.

ވޭތުވެދިޔަ 70 އަހަރު ތެރޭގައިވެސް ކުރިމަތި ނުވާހާ ބޮޑު އިގްތިސާދީ ކާރިސާއަކާއި ކުރިމަތިލާފައިވާ ލަންކާއަށް އިގްތިސާދު ކޮޅަށް ޖެހުމަށް ބޭނުންވާ ބޭރު ފައިސާ މިފަންޑުގެ ސަބަބުން ލިބިގެންދާނެ ކަމަށް އައިއެފްސީން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ބޭންކުތަކަށް ދިގުމުއްދަތުގެ އެހެން ފަންޑިންގްތަކާއި އެޑްވައިޒަރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް އައިއެފްސީން ކުރަމުން އަންނަ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ލަންކާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު %9.2 އަށް މަޑުޖެހިފައިވާ ކަމަށް ލަފާކުރެވޭއިރު، މިއަހަރު %4.2 އަށް ދުވެލި މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ލަންކާއިންވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއެކު އިބްތިދާއީ އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކޮށްފައެވެ. ނަމަވެސް އެ ފައިސާ ދޫކުރުމުގެ ކުރިން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި އަނބުރާ ދެއްކުމުގެ މަގުތަކެއް ލަންކާއިން ހޯދަންޖެހޭ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.