ކުޅިވަރު

ފީފާ ދަ ބެސްޓް އެވޯޑް މެސީއަށް


ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފިއެވެ.

މެސީއަށް މި އިނާމް ހަވާލުކޮށްފައިވަނީ ފީފާއިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މެސީ އާއި މިމަގާމަށް ވާދަކޮށްފައިވަނީ އޭނާ އާއި އެއްކޮށް ޕެރިސް ސެއިންޓް ޖަރމެއިން އަށް ކުޅޭ ފަރަންސޭސިވިލާތުގެ ފޯވަޑް ކިލިއަން އެމްބާޕޭ އާއި ރެއާލް މެޑްރިޑަށް ކުޅޭ ފަރަންސޭސި ފޯވަޑް ކަރިމް ބެންޒީމާއެވެ.

މެސީވަނީ 2021 -2022 ވަނަ ސީޒަންގައި 49 މެޗްގައި 27 ލަނޑު ކްލަބާއި ޤައުމަށް ކާމިޔާބުކޮށްދީފައެވެ. އަދި މެސީ ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ބޭއްވި ފީފާ ވާރލްޑް ކަޕްގެ ތަށި އާޖެންޓީނާއާއެކު އުފުލާލާފައެވެ. މި އިނާމް ދެވަނަ ފަހަރަށް ހޯދި މެސީ ހާމަކުރިގޮތުގައި ނިމިދިޔައީ ވަރަށް ހާއްސަ އަހަރެއް ކަމަށާއި މިހަފްލާގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމް ލިބުން މިއީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އޭނާ މުޅި އުމުރު ދެކެމުން އައި ހުވަފެން މިވަނީ މިދިޔަ ސީޒަންގައި ހަގީގަތަކަށް ވެގެން ގޮސްފައިކަމަށާއި މިއީ ވަރަށް މަދު ބަޔަކަށް ނޫނީ ހާސިލް ކުރެވޭނެ ކަމަކަށް ނުވާތީ މިކަމުގައި އޭނާ ވަރަށް ނަސީބު ރަނގަޅު ކަމަށް ގަބޫލް ކުރާކަމަށެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި މިހަފްލާގައި ފިރިހެން އެއްވަނަ ކޯޗަކަށް ހޮވުނީ އާޖެންޓީނާއަށް ފީފާ ވާރލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗް ލިއޮނެލް ސްކޮލޯނީއެވެ. އޭނާ އާއި މިމަގާމަށް އެންމެ ބޮޑަށް ވާދަކޮށްފައިވަނީ އިންގްލީޝް ޕްރިމިއަރ ލިގުގެ ތަށި ހަވަނަ ފަހަރަށް ސިޓީއަށް ކާމިޔާބުކޮށްދިން ކޯޗް ޕެޕް ގާޑިއޯލާ އާއި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަލީގާގެ ތަށި ކާމިޔާބުކޮށްދިން ކޯޗް ކާލޯ އެންޗެލޯއްޓީއެވެ.

މިރަސްމިއްޔާތުގައި އަންހެން އެެއްވަނަ ކުޅުންތެރިޔާގެ މަގާމް ހާސިލް ކުރީ ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ އެލެކްސިއާ ޕުޓެޔާސްއެވެ. އޭނާ އާއި މިމަގާމަށް އެންމެ ގާތުން ވާދަކޮށްފައިވަނީ އިންގްލަންޑަށް ޔޫރޯ 2022 ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެތު މީޑް އާއި އެމެރިކާގެ އެލެކްސް މޯގަންއެވެ. އަންހެން އެންމެ މޮޅު ކޯޗްގެ މަގާމް ލިބުނީ އިންގްލަންޑަށް ޔުރޯ ކާމިޔާބުކޮށްދިން ކޯޗް ސަރީނާ ވިއެގްމަންއެވެ. މިއީ އޭނާ ފީފާގެ މިއިނާމް ހާސިލްކުރި ތިންވަނަ ފަހަރެވެ.

ފިރިހެނުންގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އާޖެންޓީނާއަށް ވާރލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ހުނަރުވެރި ކޯޕަރ އެމިލިއާނޯ މާޓިނޭޒްއެެވެ. އަދި އަންހެން އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އިންގްލަންޑްގެ މެރީ އަރޕްސްއެެވެ.