ކުޅިވަރު

އާޖެންޓީނާ ގައުމީ ޓީމުގައި ސްކަލޯނީ 2026 ގެ ނިޔަލަށް މަޑުކޮށްފި


އާޖެންޓީނާއަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ލިއޮނެލް ސްކަލޯނީ ގައުމީ ޓީމުގައި 2026 ގެ ނިޔަލަށް މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

އާ އެއްބަސްވުމާއެކު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕާއި ހަމައަށް ސްކަލޯނީ އެމަގާމްގައި ދެމިހުންނާނެއެވެ.

ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާއި ހަވާލުވެފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި ވާރލްޑް ކަޕްގެ އިތުރުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާވެސް ވަނީ އާޖެންޓީނާއަށް ކާމިޔާބުކޮށްދީފައެވެ. އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން އާންމު ކުރި ބަޔާނެއްގައި ވާގޮތުން ސްކަލޯނީގެ މުއްދަތު އިތުރު ކުރަން އެއްބަސްވުމަކަށް އާދެވިފައިވަނީ ފަރަންސޭސިވިލާތުގައި ރޭ ބޭއްވި ފީފާ އީނާމް ދިނުމުގެ ރަސްމިއްޔާތުގެ ކުރިން ފެޑެރޭޝަންގެ ރައީސް ކްލައުޑިއޯ ޓާޕިއާ އާއި ސްކަލޯނީ އާ ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ސްކަލޯނީ ޓީމްގައި މަޑުކުރަން ނިންމި ނަމަވެސް އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން ލިއޮނެލް މެސީ ޓީމަށް އިތުރަށް ކުޅޭނީ ކިހާދުވަހެއް ކަމާމެދު މިއީ ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި މެސީ އާއި ނުލާ އާޖެންޓީނާ ޓީމް ބައްޓަން ވެގެންދާނެ ގޮތްވެސް މިއީ ގިނަ ބަޔަކު ބަލާލަން ބޭނުންވެފައިވާ ކަމެކެވެ.