ކުޅިވަރު

ދުނިޔޭގެ އެއްވަނަ މަގާމުގައި އެންމެ ގިނަ ދުވަހު އޮތުމުގެ ރިކޯޑު ޖޮކޮވިޗަށް


ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޓެނިސް ކުޅުންތެރިޔާގެ މަގާމްގައި އެންމެ ގިނަ ދުވަހު އޮތުމުގެ އައު ރިކޯޑެއް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހަދައިފިއެވެ.

އޭނާ މިހާރުވަނީ 378 ހަފްތާ ދުނިޔޭގެ އެއްވަނަ މަގާމްގައި ހޭދަކޮށްފައެވެ. މި ރިކޯޑް މިހާތަނަށް އޮތީ ޖަރުމަނުވިލާތުގެ ކުރީގެ އަންހެން ކުޅުންތެރިޔާ ސްޓެފީ ގްރާފް އަތުގައެވެ.

ގްލޭން ސްލޭމް 22 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޯކޮވިޗް ފިރިހެނުންގެ އެއްވަނަ މަގާމްގައި އެންމެ ގިނަ ދުވަހު އޮތުމުގެ ރިކޯޑް އަންނަނީ 2021 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ދަމަހައްޓަމުންނެވެ. ނަމަވެސް މިހަފްތާއާއެކު އަންހެން ފިރިހެން ދެބަޔަށް ބަލާއިރުވެސް ޖޯކޮވިޗް މިވަނީ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. އުމުރުން 35 އަހަރުގެ ޖޯކޮވިޗް ހާމަކުރިގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އަންހެން ކުޅުންތެރިޔާ ކަމުގައިވާ ގްރާފްގެ މި ރިކޯޑާއި އަރާ ހަމަކުރެވި ކުރިއަށް ދެވުމުން ވަރަށް އުފާކުރާކަމަށެވެ.

ސްޓެފީ ގްރާފްވަނީ 1987 ވަނަ އަހަރާއި 1999 ވަނަ އަހަރާއި ދެމެދު ގްރޭން ސްލޭމްގެ އަންހެން 22 މުބާރާތް ކާމިޔާބުކޮށްފައެވެ. ގްރާފް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމަށް އެންމެ ފުރަތަމަ އަރާފައިވަނީ 1987 ވަނަ އަހަރުއެވެ. އަދި އޭނާވަނީ އެއްވަނަ މަގާމްގައި މެދު ނުކެނޑި 186 ހަފްތާ ހޭދަކޮށްފައެވެ. މިދިޔަ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްގެން ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް އަލުން އެރި ޖޯކޮވިޗް އެންމެ ފުރަތަމަ އެއްވަނަ މަގާމަށް އަރާފައިވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އޭނާއަށް މެދުނުކެނޑި އެންމެ ގިނަ ދުވަހު އެއްވަނަ މަގާމްގައި ހޭދަކުރެވިފައިވަނީ 122 ހަފްތާއެވެ. އެއީ 2014 ވަނަ އަހަރުގެ ޖުލައި އިން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ދެމެދުއެވެ. ފިރިހެނުންގެ ގެ ބައިން މެދު ނުކެނޑި އެންމެ ގިނަ ދުވަހު އެއްވަނަ މަގާމްގައި އޮތުމުގެ ރިކޯޑް އޮންނަނީ ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ އަތުގައެވެ. އެއީ 237 ހަފްތާ އެވެ.