ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް ޖަރުމަނާއި އެމެރިކާއަށް ކުރިން ކޯޗުކޮށްދީފައިވާ ޔާގަން ކްލިންސްމަން ހަމަޖައްސައިފިއެވެ.
އުމުރުން 58 އަހަރުގެ ކްލިންސްމަންވަނީ ކޮރެއާގެ ކޯޗް ކަމުގައި ތިން އަހަރާއި ހަމަސް ދުވަހު ހުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ދެކުނު ކޮރެއާގެ ކޯޗް ކަމުގެ މަގާމްގައި 2026 ވަނަ އަހަރުގެ ވާރލްޑް ކަމުގެ ނިޔަލަށް ދެމިހުންނާނެއެވެ.
އޭނާގެ ކޯޗްކަމުގެ ދަށުން ކޮރެއާ ކުޅޭ ފުރަތަަމަ މެޗަކަށް ވެގެންދާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކޮލަމްބިއާ އާއި ދެކޮޅަށް ކުޅޭ ރަހްމަތްތެރިކަމުގެ މެޗެވެ. ޖަރުމަނުވިލާތަށް 108 މެޗް ކުޅެދީ 47 ލަނޑު ޖަހާދީފައިވާ ކްލިންސްމަން ދެކުނު ކޮރެއާގެ ކޯޗްކަމުގެ މަގާމާއި މިހަވާލުވީ އެ މަގާމްގައި ކުރިން ހުރި ޕޯޗުގަލްގެ ޕައުލޯ ބެންޓީ ވާރލްޑް ކަޕަށް ފަހު އެ މަގާމުން ވަކިވުމާއި ގުޅިގެންނެވެ.
މަގާމާއި ހަވާލުވުމަށްފަހު ވާހަކަދައްކަމުން ކްލިންސްޕަން ހާމަކުރިގޮތުގައި ދެކުނު ކޮރެއާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދިޔަ ޝަރަފެއް ކަމުގައެވެ. އަދި މި ޓީމަށް މީގެކުރިން ފާހަގަކޮށްލެވޭ މޮޅެތި ކޯޗުންތަކެއް ކޯޗް ކޮށްދީފައިވާކަން އޭނާ ފާހަގަކުރިއެވެ.
މީގެއިތުރުން ކޮރެއާ ޓީމް އަންނަނީ ރަނގަޅު ކުޅުމެއް ގިނަ އަހަރުތަކެއް ވަންދެން ދައްކަމުން ކަމަށާއި އަދި މިކަން ދަމަހައްޓާ، ކުރިއަށް އޮތް އޭޝިއަން ކަޕާއި ދެން އަންނަ ވާރލްޑް ކަޕެއްގައި ކޮރެއާއަށް ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް އޭނާއަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެކަމަށެވެ.