ޕޯޗުގަލުގެ ވިޔަ ރެއާލުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.
ރާއްޖޭގެ ދީމާ ވާދަކުރީ 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގަ އެވެ. މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ ގްރޫޕް ސްޓޭޖުގައި ދީމާ ކުޅުނީ ޖަރުމަންގެ އެއިރީން ކަލައިތުޒިޑޫ އާއި ބްރެޒިލްގެ ލައުރާ ވަތަނަބޭއާ ދެކޮޅަށެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ދީމާ ބައްދަލުކުރީ ޖަރުމަންގެ އެއިރީން އާއެވެ. އޭނާ އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-1، 11-2 އިން ދީމާ ބަލިވިއިރު، ތިންވަނަ ސެޓު ދީމާ ހޯދީ 11-6 އިންނެވެ. ނަމަވެސް ފަހު ސެޓުން އޭނާ ވަނީ 6-11 އިން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ދީމާ ބްރެޒިލްގެ ލައުރާ އަތުން މޮޅުވީ ސީދާ ތިން ސެޓުނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 12-10، 11-3 އަދި 13-11 އިންނެވެ
ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގެ ދެވަނަ ބުރުން ދީމާ ވަނީ ކަޓާފައެވެ. 19 އަހަރުން ދަށުގެ ބައިން ދީމާ ކެޓީ ގަދަ 16 އިންނެވެ. 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުގައި ދީމާ ވާދަކުރީ ޔޫކްރެއިންގެ އެނަސްޓޭޝިއާ ބޮޑްނާ އެވެ. އޭނާ އަތުން ދީމާ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-9 އަދި 11-2 އިން ދީމާ ހޯދިއިރު، ތިންވަނަ ސެޓު އެނަސްޓޭޝިއާ ގެންދިޔައީ 6-11 އިންނެވެ. ފަހު ސެޓު 11-9 އިން ކާމިޔާބުކޮށް ދީމާ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.
ދެވަނަ ބުރުގައި ދީމާ ނިކުތީ ޕޯޗުގަލްގެ އިނޭސް މާޓޯސް އާ ދެކޮޅަށެވެ. ދުނިޔޭގެ ސީނިއާ ރޭންކިންގެ 315ގައި އުޅޭ އިނޭސް އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 6-11، 9-11 12-10 އަދި 8-11 އިންނެވެ. 17 އަހަރުން ދަށުގެ ބައިގައި ދީމާ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅިވި އެވެ. އޭނާ ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.
މިދިޔަ އަހަރުވެސް ދީމާ ވަނީ ކޮންޓެންޑާ ސީރީސްގެ ބައެއް މުބާރާތްތަކުގައި ވާދަކޮށްފައެވެ.