ޚަބަރު

ތިނަދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޑިޒައިން ކުރުމުގެ މަރުހަލާގައި


ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ކުރަމުންދާ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަރުހަލާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ނަސީމް ވިދާޅުވީ ތިނަދޫގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރެވެމުންދަނީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިޒައިން މަސައްކަތް ނިމުނުހާ އަވަހަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުންވަނީ ލޯނު ހަމަޖެހިފައެވެ. ހެލްތު މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވަނީ ތިނަދޫގައި އަޅާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކީ މުޅިން އާ ކޮންސެޕްޓަކަށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއް ކަމަށެވެ.

ތިނަދޫގައި މިހާރު ޚިދުމަތް ދެމުންދާ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ޚިދުމަތް ދޭންވެސް މިހާރު ވަނީ ފަށާފައެވެ. އެމްޓީސީސީން ތިނަދޫ ޑރ.ޢަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުންވަނީ އޯޕީޑީގައި ޑޮކްޓަރަށް ދެއްކުމަށް 14 ރޫމް ތަރައްޤީކޮށްފައެވެ. އަދި 2 ލޭބަރ ރޫމާއި، ޕްރައިވެޓް 4 ރޫމްވަނީ ތަރައްޤީކޮށްފައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައާޅާފައިވާ ޓަރޝަރީ ފެންވަރުގެ 5 ހޮސްޕިޓަލުގެ ތެރޭގައިވެސް ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. މިވަގުތުވެސް 19 ސްޕެޝިލިޓީއަކުން ޚިދުމަތް ދެމުން އަންނަ އެހޮސްޕިޓަލުން މިވަގުތު ލިބެން ނެތް ފަރުވާގެ އެކި ޚިދުމަތްތައް ޤާއިމުކުރުމަށް ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.