ކުޅިވަރު

ލީޑްސް ބަލިކޮށް ފުލަމް ކުއާޓާ ފައިނަލަށް


އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލުން ފުލަމް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލުން ފުލަމް ޖާގަ ހޯދީ ފަސްވަނަ ބުރުގައި ރޭ ލީޑްސް ޔުނައިޓެޑާއި ބައްދަލުކުރި މެޗް 2-0 އިން ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުލަމްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސް އެވެ. މެޗްގެ ފުރަތަމަ ލަނޑު ފުލަމްއަށް ކާމިޔާބުކޮށްދިނީ ޖާއޮ ޕަލީނިއާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ މިވަގުތު ވަރަށް ފޯމްގައި ކުޅެމުންދާ މަނޯ ސޮލޮމަންއެވެ. މިމެޗްގައި މީގެ އިތުރުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މި ކާމިޔާބީއާއެކު ފުލަމް މިވަނީ 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ.

ފުލަމްގެ ކޯޗުކަމާއި މާކޯ ސިލްވަރ ހަވާލުވެ ޕްރިމިއަރ ލީގަށް ޓީމް ޕްރޮމޯޓް ކޮށްދިނުމަށްފަހު މިސީޒަންގައި އެޓީމުން އަންނަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކުރިއަށް މިމުބާރާތުގައި އޮތް ދެމެޗް ކާމިޔާބު ކުރެވިއްޖެނަމަ 1975 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލުން ފުލަމްއަށް ޖާގަ ލިބޭނެއެވެ.