އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި ޓޮރީނޯ ބައްދަލުކުރި މެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 4-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮރީނޯއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސް އިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ޓޮރީނޯއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔާން ކަރަމޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ 14 މިނެޓްފަހު ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗްގައި ޓޮރީނޯގެ ދެވަނަ ލަނޑު ފުރަތަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ އެންޓޯނިއޯ ސަނަބްރިއާއެވެ. މިމެޗްގައި ޔުވެންޓަސްއިން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފްގެ އިތުުރު ވަގުތުގައި ޑެނީލޯއެވެ. މިމެޗްގައި ޔުވޭގެ ތިންވަނަ ލަނޑު ޖަހާދީ މެޗްގެ ލީޑު ފުރަތަމަ ފަހަރަށް އެޓީމަށް ނަގާދިނީ މެޗްގެ 71 ވަނަ މިނެޓްގައި ބްރެމަރއެވެ. އަދި އެޑްރިއަން ރެބިއޯ ވަނީ މެޗްގެ 80 ވަނަ މިނެޓްގައި ޔޫވޭގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގެ ދެވަނަ ހާފްގައި ޔޫވޭއަށް ކުޅޭ ފަރަންސޭސި ކުޅުންތެރިޔާ ޕޯލް ޕޮގްބާވަނީ އެޓީމާއި އަލަށް ގުޅުނު ފަހުން ފުރަތަމަ ފަހަރަށް ކުޅެން އަރާފައެވެ. އުމުރުން 29 އަހަރުގެ ޕޮގްބާ މިސީޒަންގައި ޔޫވޭއަށް ބަދަލުވިތާ ކައިރީގައި ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިހާތަނަށް ހުރީ ކުޅުމާއި ދުރުގައެވެ. އަދި އެކަމުގެ ސަބަބުން އެންމެފަހުން ނިމިގެންދިޔަ ވާރލްޑް ކަޕްގައިވެސް އޭނާއަށް ކުޅެވޭގޮތްވަނީ ނުވެފައެވެ.
ޕޮގްބާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހު އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލާއި ބައްދަލުކުރި މެޗްގައެވެ.
މި ކާމިޔާބީއާއެކު ޔުވެންޓަސް މިހާރު އުޅެނީ 24 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ޓޮރީނޯ އުޅެނީ 31 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެެވެ.