ކުޅިވަރު

ދުބާއި އޯޕަން: ޖޮކޮވިޗަށް ރަނގަޅު ފެށުމެއް


ދުބާއީ އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގައި ސާބިއާގެ ނޯވަކް ޖޯކޮވިޗް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޖޯކޮވިޗް މިމެޗް ކާމިޔާބުކުރީ ޗެކް ރިޕަބްލިކްގެ ތޯމަސް މަޗެކް އާއި ބައްދަލުކޮށް ދެ ސެޓް އެއްސެޓުންނެވެ.

ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބު ކުރީ ޖޯކޮވިޗްއެެވެ. ނަމަވެސް ޖެހިގެން އައި ސެޓް ވަނީ ދުނިޔޭގައި 130 ވަނައަށް ރޭންކް ކުރެވިފައިވާ މަޗެކް ތިނެއް ހަޔަކުން ކާމިޔާބުކޮށް ތިން ވަނަ ސެޓަކަށް މިމެޗް ގެންގޮސްފައެވެ. ތިންވަނަ ސެޓްވެސް ވަރަށް ހަމަހަމަ ކޮށް ގޮސް ޓައިބްރޭކަކަށްފަހު ހަތެއް ހަޔަކުން ކާމިޔާބު ކުރީ ޖޯކޮވިޗްއެވެ.

މިއީ މި ސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަށްފަހު ވާދަކުރާ ފުރަތަމަ މުބާރާތެވެ. ވޭތުވެދިޔަ ތިން ހަފްތާ ޖޯކޮވިޗް ކުޅުމާއި ދުރުގައި ހޭދަކުރަން ޖެހުނީ އޭނާގެ ފަޔަށް އޮސްޓްރޭލިއާ އޯޕަންގެ ތެރޭގައި ލިބުނު އަނިޔާއިން ރަނގަޅުވުމަށްޓަކައެވެ.

މި މުބާރާތުގައި މިމެޗްގެ ކުރިން އިނގިރޭސިވިލާތުގެ ޑޭން އިވާންސް އާއި ކްރޮއޭޝިއާގެ ބޯނާ ކޯރިޗް ބައްދަލުކުރިމެޗްވަނީ ފުރަތަމަ ސެޓްގައި އިވާންސްއަށް އަނިޔާވުމުގެ ސަބަބުން ދޫކޮށްލާފައެވެ. މެޗް ހުއްޓާލިއިރު ފުރަތަމަ ސެތް އޮތީ ދެއެއް ދެޔަކުން އެއްވަރުވެފައެވެ. ޖެހިޖެހިގެން ތިންވަނަ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޑަނީލް މެޑްވެޑޭވްވަނީ މެޓިއޯ އަނާލްޑީ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްފައެވެ. މިމެޗްގެ ސެޓްތައް މެޑްވެޑެވް ކާމިޔާބުކުރީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.