މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ރަނަރަޕް ކ. ގާފަރުގެ އިތުރުން އދ. މާމިގިލި އަދި ދ. ކުޑަހުވަދޫ ޒޯން ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ ކުޅުން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މާމިގިލިން ޒޯން ފައިނަލަށް ދަތުރުކުރީ މަހިބަދޫ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި ޒޯނުގައި ދިއްގަރުން ވަނީ ނާލާފުށީގެ މައްޗަށް 4-0 އިން މޮޅުވެފައެވެ.
ޒޯން ފަހަކުން ތިމަރަފުށިން ފައިނަލްގެ ޖާގަ ހޯދީ ރޭ މަގޫދޫގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މީގެ އިތުރުން ޒޯން ފަހަކުން ކުޑަހުވަދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ތ އަތޮޅު ޗެމްޕިއަން ކިނބިދޫ 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ޒޯން ތިނަކުން ގާފަރުން ދިއްފުށީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާ ފައިނަލްގެ ޖާގަ ކަށަވަރުކުރިއިރު، މި ޒޯނުގައި ކުރެންދޫ އާއި ބޮޑުފޮޅުދޫގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭވެސް ހަ މެޗެއް ކުޅޭނެއެވެ. އެއީ ޒޯން އެކެއްގެ ސެމީފައިނަލް ދެ މެޗާއި، މާލެސިޓީގެ އަތޮޅު ރައުންޑް މެޗުތަކުގެ އިތުރުން ޒޯން ހައެއްގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ވާދަކުރެއެވެ. މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.